ޓައީ އަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި
ޓައީ އަޅަން ޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފިރިހެން މެންބަރުން ޖަލްސާތަަކަށް ވަަޑައިގަންނަވާ އިރު، ގަމީހާ އެކު ޓައީ ނާޅުއްވައި، ކެޝުއަލްކޮށް ވަޑައިގަތުން މަނާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން އާއްމު ކޮމިޓީން ފުރަތަމަ ހުށަހެޅި ރިޕޯޓްގައި އޮތީ ޓައީ އަޅަން ލާޒިމްނުވާ ގޮތަށެވެ. ނަމަވެސް އެ ހުށަހެޅުން މިއަދުގެ ޖަލްސާގައި ފާސްކުރީ ޓައީ އަޅަން ޖެހޭ ގޮތަށް އިސްލާހަކާ އެކުގަ އެވެ.

މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭނީ ހަތަރު ބާވަތެއްގެ ހެދުން އަޅައިގެން ކަމަށް ކަނޑައަޅަން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ގަވައިދަށް މިއަދު އިތުރުކުރި ޖަދުވަލުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފިޔަވައި އެހެން ޖަލްސާތަކަށް ވަޑައިގަންނަވަން ޖެހޭނީ ތިން ބާވަތެއްގެ ހެދުމުގަ އެވެ. އެއީ:

1- ކޯޓުފަޓުލޫނާއި ޓައީ

2- ގަމީހާއި ފަޓުލޫނު އަދި ޓައީ

3- ގައުމީ ހެދުން

އެ ޖަދުވަލުގައިވާ ގޮތުން މަޖިލީހުގެ އަންހެން މެންބަރުން އާއްމުކޮށް މަޖިލީހުގެ ޖަލްސާތަަކަށް ވަޑައިގަންވަން ޖެހޭނީ ރާއްޖޭގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުމެކެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވެސް އެފަދަ ހެދުމެއް ނުވަތަ ކޯޓުފަޓުލޫނު ތުރުކުރެއްވުމުގެ އިހުތިޔާރު އަންހެން މެންބަރުންނަށް އޮވެ އެވެ.

ހެދުން އެޅުމުގެ ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅެ އެވެ.

އެ މާއްދާގައި ގިނަ އަދަބުތަކެއް ހުރި އިރު އެންމެ ބޮޑު އަދަބަކަށް އޮތީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުމުން މަހްރޫމު ކުރުމެވެ.

އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ މި ގަވާއިދަށް، ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރާ، މެންބަރުން ނޫން މީހުން ވެސް އަމަލުކުރަން ޖެހޭނެ އެވެ.

މަޖިލީހުގެ މެންބަރުންގެ ރަސްމީ ހެދުމަކީ ކޮބައިކަން ގަވާއިދުގައި ކަނޑައަޅަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް ހުށަހެޅުއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރާތީ ކުރައްވާ އިހުތިޖާޖެއްގެ ގޮތުގައި އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުއްވުން ހުއްޓަވައިލެއްވުމުންނެވެ.

އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނަމަވެސް ކުޑޫ ފަހުން ވަނީ އޭނާގެ ނިންމުން ބަދަލުކުރައްވައި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅުއްވަން ފައްޓަވައިފަ އެވެ.