13 އޮކްޓޯބަރ 2025 - 14:00

މީގެ ދެ އަހަރު ކުރިން ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ތެރޭ އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން މިހާރު ދިރިތިބި 20 މީހުން މިއަދު މިނިވަންކޮށްފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސުލްހައިގެ ޕްލޭނާ އެއްގޮތަށް ހަމާސް އާއި އިޒްރޭލުން އަމަލުކުރަންވީ އެއްބަސްވުމާ އެއްގޮތަށް ހަމާސްއިން އަސީރުން މިނިވަންކުރި އިރު ތެލް އަވީވްގައި އިޒްރޭލުގެ އެތައް ހާސް ބަޔަކު ޖަމާވެ އުފާ ފާޅުކުރަމުން ދިޔަ އެވެ.
ހަމާސް އިން ގެންދިޔަ އިޒްރޭލު މީހުންގެ ތެރެއިން މަރުވެފައިވާ މީހުންނާއި ދިރިތިބި އެންމެން މިނިވަންކުރަން އެއްބަސްވެފައި ވާއިރު ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ދެ ހާހެއްހާ މީހުން މިނިވަންކުރަން ޖެހެ އެވެ.
ހަމާސް އިން އެންމެ ފުރަތަމަ މިނިވަންކުރީ ހަތް މީހެކެވެ. އެ މީހުން ރެޑް ކްރޮސްގެ ޓީމަކާ ހަވާލުކޮށް އަދި އިޒްރޭލުގެ އަސްކަރިއްޔާ އިން އެކަން ކަށަވަރުކޮށްދިންތާ އިރުކޮޅެއް ފަހުން ބާކީ 13 މީހުން ވެސް ވަނީ ރެޑް ކްރޮސްއާ ހަވާލުކޮށްފަ އެވެ.
މި މީހުން ހަވާލުކުރުމާ އެކު، ދިރިހުރި އެއްވެސް އަސީރެއް ހަމާސްގެ ބެލުމުގެ ދަށުގައި މިހާރަކު ނުހުންނާނެ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމުގައި، އަސީރުންގެ ތެރެއިން ބަންދުގައި ތިއްބާ މަރުވި އަދި ހަމަލާތަކުގައި މަރުވި 27 މީހެއްގެ ހަށިގަނޑު ހަވާލުކުރުން ވެސް ހިމެނެ އެވެ. އަދި މީގެ ކުރިން 2014 ވަނަ އަހަރު ޣައްޒާގައި ހިނގި ކުރިމަތިލުންތަކުގައި މަރުވި އިޒްރޭލު ސިފައިންގެ މީހެއްގެ ކަށިތައް ހަވާލުކުރުން ވެސް ހިމެނެ އެވެ.
އިޒްރޭލުން ދޫކޮށްލަންޖެހޭ ފަލަސްތީނު މީހުންގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހަކާއި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ 1،700 މީހަކު ހިމެނެ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގައި 1،219 މީހަކު މަރާލައި އަސީރުންގެ ގޮތުގައި 251 މީހަކު ގެންދިޔަ އެވެ. މީގެ ތެރެއިން 47 މީހަކު ނޫނީ ހުރިހާ އެންމެން ކުރީގެ އެއްބަސްވުންތަކުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ. މީގެ ތެރޭގައި، މަރުވި މީހުންގެ ހަށިތައް ވެސް ހިމެނެ އެވެ.
ހަމާސްގެ ހަމަލާއަށް ފަހު، އެ ޖަމާއަތް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދެމުން ދިޔަ ހަމަލާތަކުގައި ފަލަސްތީނުގެ 67،806 މީހަކު ޝަހީދުކޮށްފައިވެ އެވެ.