13 އޮކްޓޯބަރ 2025 - 13:59

މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާންތައް އާއްމުކުރަން ލާޒިމުވާ ގޮތަށް އޮޑިޓް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލް މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ދައުލަތުގެ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރަންޖެހޭ ގޮތަށް ކޯޕަރަޓައިޒޭޝަން އެންޑް ޕްރައިވެޓަޒައިޒޭޝަން ގާނޫނު ބަލުކުރަން އޭނާ ހުށަހެޅުއްވި ބިލު ވެސް މަޖިލީހަށް މިއަދު ބަލައިގަތެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އެ ދެ ބިލު ވެސް ބަލައިގަންނަން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ އިއްތިފާގުންނެވެ.
ދެ ބިލު ވެސް މަޖިލީހަށް ބަލައިގަތުމަށް ފަހު، ދިރާސާކުރަން ކަމާ ބެހޭ ކޮމިޓީތަކަށް ފޮނުވި އެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާންތައް އާއްމުކުރާ ބިލު ފޮނުވީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާން އާއްމުކުރާ ބިލު ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ.
އޮޑިޓް ގާނޫނަށް ބަދަލު ގެންނަން ކުޑޫ ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައި ވަނީ މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން، މަގާމާ ހަވާލުވެވަޑައިގަންނަވާތާ 30 ދުވަހުގެ ތެރޭގައި އަދި މަގާމުގައި އަހަރެއް ވުމުން ވެސް އޮޑިޓާ ޖެނެރަލް އަށް މާލީ ބަޔާން ހުށަހެޅުއްވުމަށެވެ. އެއް އަހަރު ދުވަސް ވުމުން ހުށަހަޅުއްވާ ބާލީ ބަޔާން، އަހަރުވާތާ 90 ދުވަހުގެ ތެރޭގައި ހުށަހަޅުއްވަން ޖެހޭނެ ކަމަށް އެ ބިލްގައި ވެ އެވެ.
މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަހަނާޅައިފި ނަމަ 5،000.ރ އިން ޖޫރިމަނާކުރަން ވެސް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.
ކޮރަޕްޝަން ހުއްޓުވުމަށް ޓަކައި ކުޑޫ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުތަކުގެ ޕެކޭޖުގައި ދައުލަތުގެ ކުންފުނިތަކުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރަން ލާޒިމުކުރަން ވެސް ވަކި ބިލެއް ހިމެނެ އެވެ.
ކޯޕެރަޓަައިޒޭޝަން އަދި ޕްރައިވެޓަޒައިޒޭޝަން ގާނޫނަށް ހުށަހެޅި އެ އިސްލާހުގައިވާ ގޮތުން، އެ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ އެސްސޯއީތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ޗީފް އޮޕަރޭޓިން އޮފިސަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މާލީ ބަޔާންތައް ވެސް އޮޑިޓާ ޖެނެރަލަށް ހުށަހަޅައި، އާއްމުކުރަން ޖެހޭނެ އެވެ.
މިނިސްޓަރުންގެ މާލީ ބަޔާން އާއްމުކުރުމަށް ޓަކައި ގާނޫނުއަސާސީ އަށް ބަދަލުގެންނަން ހުށަހެޅި ބިލެއް ވެސް ކުޑޫގެ އިސްލާހުތަކުގެ ޕެކޭޖުގައި ހިމެނެ އެވެ. އެ ބިލު ވެސް މިދިޔަ ހަފުތާގައި ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ.
މާލީ ބަޔާން ހުށަހަޅަން ލާޒިމުކުރަން ހުށަހެޅި ހުރިހާ އިސްލާހެއްގައި ވެސް އޮތީ، ހުށަހަޅާ މާލީ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްްސް (ސީއޭ) އިން ލައިސަންސް ދީފައިވާ އޮޑިޓަރަކު ލައްވާ ސައްހަކަން ކަށަވަރު ކޮށްފައިވާ ބަޔާނަކަށް ވާން ޖެހޭނެ ކަމަށެވެ.