ޝިމަންގެ ފޯނު ދޫކޮށްލައިފި
ޝިމަންގެ ފޯނު ދޫކޮށްލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރިކަމުގެ ތުހުމަތުގައި ހިފެހެއްޓި، އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ފުލުހުން އޭނާއާ އަނބުރާ ހަވާލުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ މިމަހުގެ 8 ވަނަ ދުވަހު އެވެ. އެ އަމުރުގައިވާ ގޮތުން އޭނާގެ ފޯނު ހިފެހެއްޓީ ރައީސް އަވަހާރަކޮށްލަން ހިތްވަރު ލިބޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެއްކާއި ގަރީނާ ހޯދުމަށެވެ.

އެ އަމުރުގައި ވަނީ ފޯނުގައި ހުރި ޑޭޓާ ތަހުލީލު ކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްޕޯޑުތަކާއި ޕެޓާންތައް އަދި އެކްސެސްވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ޝިމަން ދޭންޖެހޭނެ ކަމަށެވެ.

އެ ފޯނު ފުލުހުން އޭނާއާ ހަވާލުކުރީ އިއްޔެ އެވެ.

ޝިމަންއަކީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން މާލޭގައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޒުވާނެކެވެ.

އެ މުޒާހަރާތަކުގައި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ޝިމަން ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ ވެސް ކޮށްފައިވެ އެވެ. އެ މައްސަލާގައި ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

އެ މައްސަލާގައި ދައުވާނުކޮށް ދޫކޮށްލަން ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ވެސް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ވަނީ ޝިމަންއަށް ދީފަ އެވެ.