13 އޮކްޓޯބަރ 2025 - 13:19

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާން އެނގިއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނާގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހިސާބުން އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ސިނގިރޭޓުތައް ގެއްލުނު މައްސަލާގައި ފުލުހުންނާ "މިހާރު" އިން މިއަދު ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުދެ އެވެ. ކަމާ ގުޅޭ މައުލޫމާތު އެނގޭ އެކި ފަރާތްތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
"ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެެބަގެންދޭ،" އޭގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވި އެވެ.
ދެ ކޮންޓެއިނާގައި ސިނގިރޭޓް ނެތް ކަން ފަޅާ އެރުމާ އެކު، އެމްޕީއެލުން ވެސް ޖެހިގެން އައި މި މަހުގެ ނުވަ ވަނަ ދުވަހު ބުނެފައި ވަނީ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަަމަށެވެ.
"މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ވެސް އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާކަން މީޑިއާގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ ކުންފުނިން ފޮނުވި މެސެޖުގައި ބުނެފައި ވެ އެވެ.
އެމްޕީއެލްގެ އެތެރޭގެ ތަހުގީގު އަދިވެސް ކުރިއަށް ގެންދާ ކަމަށް އެނގިފައި ވެ އެވެ. ފުލުހުންގެ ތަހުގީގުގެ މައުލޫމާތު އަދި އާންމު ނުކުރާތީ އާއި މިހާ ހިސާބަށް ބަޔަކު ހައްޔަރު ކޮށްފައި ނުވާތީ އެމްޕީއެލުން ވެސް އަދި މައުލޫމާތުތައް ހާމައެއް ނުކުރެ އެވެ.
ކަސްޓަމްސްގެ އިސް އޮފިޝަލަކު "މިހާރު" އަށް ކުރިން ވިދާޅުވީ އެ އިދާރާ އިން ހިފެހެއްޓުމަށް ފަހު އެ ދެ ކޮންޓެއިނަރު ހުޅުމާލޭ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގައި ކަމަށެވެ. އެ ކުންފުންޏާ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރޭޓްތައް ނައްތާ ނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލާގައި އެމްޕީއެލުން ބުނެފައި ވަނީ އެ މައްސަލައަކީ ފުލުހުންގެ ތަހުގީގުގެ މަރުހަލާގައިވާ މައްސަލައަކަށް ވުމާ އެކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ. އެމްޕީއެލްގެ ކަމާ ގުޅޭ ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާ އެއްގޮތަށް އެ ކުންފުނިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ތަންފީޒު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލް ކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާކަން އަންގައިދޭ ފޮޓޯއާ ލޭބަލް ޖެހުމަށް ފަހުގަ އެވެ. އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ ބިންލާދިން ގުރޫޕުގެ ނަމުގައި ވަގަށް އެތެރެކުރި ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.