13 އޮކްޓޯބަރ 2025 - 11:50

ރާއްޖެއަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓަކަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ ރިޝްވަތަށް އެދުނު މައްސަލާގައި ދައުވާކުރަން މި މަހުގެ 8 ވަނަ ދުވަހު ފޮނުވާފައި ވަނީ ހ. ނިއުހެޕިނަސް، މުއާޒު އަލީގެ މައްޗަށް ކަމަށެވެ.
އޭނާ މިހާރު ހުންނެވީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގަ އެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން މުއާޒުގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން ހުށަހަޅާފައި ވަނީ އެނގި ހުރެ މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކާ ނުވަތަ އެހެން މީހަކަށް އެ މަންފާ ގަބޫލުކުރަން އެއްބަސްވުމުގެ ކުށާ ގުޅިގެންނެވެ.
އޭސީސީން ބުނި ގޮތުގައި 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެއަށް އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށް ފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީއެކްސްޕޯޓްކުރުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް، އެ ތަނުން އެ ތަކެތި ވަނީ ދޫކޮށްފަ އެވެ.
އޭސީސީން ބުނި ގޮތުގައި އެ ސިނގިރޭޓް ކޭސްތައް ރީއެކްސްޕޯޓް ނުކޮށް، ކަސްޓަމްސް އިން އެ ކުންފުންޏާ ގުޅިގެން ބަލަމުންދިޔަ މައްސަލައެއް ކުންފުންޏަށް ފަހިވާ ގޮތަށް ނިންމަން މުއާޒު ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދާފައި ވެ އެވެ.