13 އޮކްޓޯބަރ 2025 - 12:20

ރާއްޖޭގެ ހުރިހާ ރަށެއްގެ ލެބޯޓްރީގައި، އެ ރަށެއްގެ ފެންވަރުގައި އަންނަ އަހަރު ނިމޭއިރު ޓެސްޓުތައް ހެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ހުރިހާ ރަށެއްގައި ލެބޯޓްރީ ހެދުމުގެ މަސައްކަތް ފެށި ނަމަވެސް އެ ވެރިކަމުގެ ދައުރު ނިމުނުއިރު ހުރިހާ ރަށެއްގައެއް ނާޅަ އެވެ. ހުރި ތަންތަނުގައި ވަސީލަތްތައް ވެސް ހަމައެއް ނުވެ އެވެ.

ރައީސް މުއިއްޒު ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ ރަށް ނޫމަރާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސިއްހީ ދާއިރާ އަށް މި ސަރުކާރުން ވަރަށް ބޮޑު އިސް ކަމެއް ދޭ ކަމަށެވެ.
ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ލެބޯޓަރީގެ ހިދުމަތް ދިނުމަށް އެދެމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ހަދައި ނިންމާނެ ކަމަށެވެ.
"މިހާރު މި އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި، މި ހިނގާ އަހަރާއި އަންނަ އަހަރާއި ދެ އަހަރު ތެރޭގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކޮށް ނިންމައިދިނުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާ އެކު، ނިންމައިދޭނެކަން ފާހަގަ ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އޭގެ ދަށުން ނޫމަރާގައި މިހާރު ހުރި ލެބޯޓަރީއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ހަމަކޮށް ނިންމައިދޭނެ ކަމަށެވެ.
އޭގެ އިތުރުން ލެބޯޓަރީތަކުން އެ ރަށެއްގެ ފެންވަރުގައި ހެދޭ ހުރިހާ ޓެސްޓެއް ހެދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ވައުދުވެވަޑައިގެންފައިވާ ކަންކަމާއި އިތުރު ކަންކަން ވެސް އެ މަނިކުފާނުގެ ސަރުކާރުން ކޮށްދޭނެ އެވެ.
ރައީސް މުއިއްޒު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަންނަވާނެ އެވެ.