މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފުރުސަތު ނުދިން
މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފުރުސަތު ނުދިން

އިދިކޮޅު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނާ މެދު ޖަލުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ އޮތީ "ހަގީގަތެއްގެ މައްޗަށް ބިނާވެފައި" ނޫން ކަމަށް ވިދާޅުވެ، އެ މައްސަލަ ހުށަހަޅަން ފުރުސަތު ނުދޭން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

އޮކްޓޯބަރު 3، ގައި ހައްޔަރުކުރި ހަ މީހުންނާ މެދު ޖަލުގައި އިހުމާލުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރެވެ.

އެ މައްސަލާގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިންނަށް ޖިސްމާނީ ގޮތުން އެކި ވަރުގެ ހާނިއްކަ ކޮށްފައިވާ ކަމަށާއި އެ މީހުންގެ އަސާސީ ހައްގުތައް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބޭތާ އެއް ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ބޭސް ފަރުވާ ނުދީ ގަސްދުގައި ލަސްކޮށްފައިވާ ކަމަށާއި ދާއިމީ ބަލިތަކަށް ބޭސްކަމުންދާ މީހުންނަށް ބޭސް ފޮނުވުމުގެ ފުރުސަތު ވެސް ލަސްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކުއްލި މައްސަލައިގައިވެ އެވެ.

ނަމަވެސް، އެ މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވި އެވެ. އެގޮތަށް ނިންމެވީ ކުއްލި މައްސަލައެއްގައި ފުރިހަމަވާން ޖެހޭ ޝަރުތު އެ މައްސަލައިގައި ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ އެވެ.

މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައެއްގައި ބަޔާންކުރާ ކަންކަމަކީ ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާން ޖެހޭނެ ކަމަށް ގަވައިދުގައި ބުނާ ކަމަށާއި އަދި އެކަން ކަށަވަރު ކުރުމަކީ މައްސަލަ ހުށަހަޅުއްވާ މެންބަރު ކުރައްވަން ޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް، މި މައްސަލަ ބިނާވެފައިވަނީ ހަގީގަތްތަކެއްގެ މައްޗަށް ކަން މެންބަރަށް ބުނެދެވިފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެގޮތަށް އަބްދުއްރަހީމް ނިންމެވުމުން މައުރޫފް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، ހެކި ހުށަހަޅަން ގަވައިދުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އަމަލުކުރަމުންދަނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.