13 އޮކްޓޯބަރ 2025 - 10:18

ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ތަޖިކިސްތާނަށް ފަސޭހަ ނުވާނެ ކަމަށް، ދެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށް ދިން ޕިޓާ ޝަގަޓް (ސެގަޓް) ބުނެފި އެވެ.
އޭޝިއަން ކަޕަށް ތަޖިކިސްތާނު މުޅިން އަލަށް ކޮލިފައިކޮށްދީ، މިދިޔަ އަހަރު ގަތަރުގައި ބޭއްވި އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ތަޖިކިސްތާނުގައި ދަތުރު ކުރީ ސެގަޓްގެ ކޯޗުކަމުގެދަށުންނެވެ.
ޖެނުއަރީ 2022 ގައި ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ސެގަޓް ވަނީ މާޗް 2018 އިން ޑިސެމްބަރު 2019 އަށް ރާއްޖގެ ކޯޗުކަން ކޮށްފަ އެވެ. ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ދިވެހި ޓީމުން ކާމިޔާބު ކުރީ ކްރޮއޭޝިއަ އަށް ނިސްބަތްވާ ސެގަޓްގެ ކޯޗުކަމުގެދަށުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ބައެއް މެޗުތައް ބަލަން މި ވަގުތު ގަތަރުގައި ހުރި ކޯޗު ބުނީ ދެ ޓީމުގެ ނަތީޖާތަކުންނާއި ފުޓްބޯޅައިގެ ފެންވަރުން ތަޖިކިސްތާނު ވަރުގަދަ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތަޖިކިސްތާނުން އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ންނެވެ.
"އަހަރެން ތަޖިކިސްތާނުގެ އަހަރެންގެ ކުރީގެ ކުޅުންތެރިންނަށް މި މެސެޖް ދޭން ބޭނުން. ގައުމުން ބޭރުގައި ކުޅޭ ރާއްޖެއާ އަމިއްލަ ދަނޑުގައި ރާއްޖެ މުޅިން ތަފާތު ވާނެ،" ސެގަޓް ބުންޏެވެ.
އޭނާ ބުނީ ދިވެހި ކުޅުންތެރިން ރާއްޖޭގެ އަމިއްލަ ދަނޑުގައި ކުޅޭ އިރު އިތުރު ހިތްވަރެއް ނެރެގެން ކުޅޭނެ ކަމަށެވެ.
"(ރާއްޖޭގެ) ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަކީ ހަތް އަހަރު ކުރިން އަހަރެންގެ ކޯޗުކަމުގެދަށުން ގައުމީ ޓީމުން ޖާދަ ދޭން ފެށި ކުޅުންތެރިން. އަދި އަހަންނާ އެކު މަސައްކަތް ކުރި ކުޅުންތެރިން ޓީމުގައި ގިނަ. އަހަންނަށް އެނގޭ އެ ކުޅުންތެރިންގެ މަސައްކަތް،" ސެގަޓް ވާހަކަ ދެއްކި އެވެ.
"ދިވެހި ކުޅުންތެރިން ވަރަށް ހިތްވަރު ގަދަވާނެ. ގަލޮޅު ދަނޑުގައި ކުޅޭއިރު ދިވެހި ކުޅުންތެރިން އިތުރު ހިތްވަރެއް ނެރެގެން ކުޅޭނެ."
ސެގަޓް ބުނީ ދެ ޓީމުގެ ފަރާތުން ވެސް މާދަމާ ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
"އަހަރެން އުއްމީދު ކުރަނީ ރަނގަޅު ގޭމެއް ފެންނާނެކަމަށް،" ސެގަޓް ބުންޏެވެ.
ގަލޮޅު ދަނޑުގައި މާދަމާ ކުޅޭ މެޗު ފަށާނީ ހަވީރު 3:30 ގަ އެވެ.