13 އޮކްޓޯބަރ 2025 - 09:56

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް ހުޅުވައިލުމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ބައެއް މެމްބަރުން ހިމެނޭހެން 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް ތަޅުމުގައި އިއްވުމަށް ފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލާފައިވާ އިރު އޭގެ ތެރޭގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެހެން ދެ މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އަދި މީޑިއާ ރެގިއުލޭޓްކުރުމުގެ ގާނޫނާ އެކު އުވުނު މޯލްޑިވްސް މީޑިއާ ކަައުންސިލްގެ ކުރީގެ ނައިބު ރައީސް އިބްރާހިމް މުހައްމަދާއި އެހެން މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް ކަން ކުރިން ކުރެއްވި މުހައްމަދު ފަރުޝަތު ވެސް ވަނީ ކުރިމަތިލައްވައިފަ އެވެ.
1- ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ (މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރު)
2- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު)
3- ސޮފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް)
4- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)
5- އިބްރާހިމް މުހައްމަދު، ގ. ވިންޑް (މީޑިއާ ކައުންސިލްގެ ކުރީގެ ނައިބު ރައީސް)
6- މޫސާ ރިލްވާން، މ. ހާވިލާ (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)
7- ފާރިސް ތޯހާ، ހ. ސޯސަން (އެޗްއާރުސީއެމަށް އެންމެ ފަހުން ނަން ފޮނުވައި އެކަމަކު މަޖިލީހުން ރުހުން ނުލިބުނު ބޭފުޅެއް)
8- ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
9- މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
10- ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ 7 މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ 4 މެމްބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.
މީޑިއާތަކުގެ ފަރާތުން ހަތަރު މެމްބަރަކު ވަނީ ހޮވިފަ އެވެ. އެ މެމްބަރުން ހޮވުނީ، ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލަ އެވެ.
މީޑިއާ ކޮމިޝަންގައި މީޑިއާތައް ތަމްސީލް ކުރާނެ ހަތަރު މެމްބަރުން:
ބްރޯޑްކާސްޓިން ކެޓަގަރީ
- އަބްދުލްއަޒީޒް އިބްރާހީމް- ށ. ފޭދޫ، މޫނިމާގެ
- ޒަމްއަތު އަހުމަދު ވަހީދު- ގދ. ތިނަދޫ، މަލަ
އޮންލައިން ކެޓަގަރީ
- ސިމާހާ ނަސީމް- ގދ. ރަތަފަންދޫ، ވެލީގޭ
- ހުސައިން ސަގީފް- ހދ. ވައިކަރަދޫ، ހިސާން
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ އަދި އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.