ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފް
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފް

އިޒްރޭލުން ދޭން އެންމެ މަތީ މަދަނީ ޝަރަފް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދޭން ނިންމައިފި އެވެ.

"ރައީސް ޓްރަމްޕުގެ ބުރަ މަސައްކަތުން އަހަރެމެންގެ މީހުން [ހަމާސް އިން އަސީރުންގެ ގޮތުގައި ގެންދިޔަ މީހުން] ސަލާމަތްކުރުމުގެ އިތުރުން އަމާންކަމުގެ މައްޗަށް މުޅި މެދުއިރުމަތި ބިނާކުރުމުގެ ބިންގާ އަޅައިފި،" އިޒްރޭލުގެ ރައީސް އައިސެކް ހެރްޒާގް ނެރުނު ބަޔާނެއްގައިވެ އެވެ.

"އެހެންވެ [ޓްރަމްޕަށް] އިޒްރޭލުގެ ރައީސް ޝަރަފުގެ މެޑަލް އެރުވުމަކީ ލިބޭ ބޮޑު އުފަލެއް."

ހަމާސް އާއި އިޒްރޭލު ޓްރަމްޕުގެ ސުލަހައިގެ ޕްލޭނަށް އެއްބަސްވެ ހަމަލާތައް ހުއްޓާލުމަށް ފަހު މިއަދު އަސީރުން މިނިވަންކުރަން ތައްޔާރުވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އެވޯޑް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ޓްރަމްޕަށް އަރުވާނެ ކަމަށާއި މިއަދު އިޒްރޭލަށް ޓްރަމްޕު ވަޑައިގަތުމުން އެކަން ރަސްމީކޮށް އަންގާނެ ކަމަށެވެ.

ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭނަކީ އޮކްޓޫބަރު 7، 2023 ގައި އިޒްރޭލާއި ހަމާސްއާ ދެމެދު ފެށި ހަމަލާތައް ދާއިމީކޮށް ނިމުމަކަށް ގެންނާނެ ޕްލޭނެއް ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. މި ޕްލޭނުގެ ދަށުން މިއަދު އިޒްރޭލުގެ އަސީރުން މިނިވަންކުރާއިރު އިޒްރޭލަށް ވަޑައިގެން މަޑުކުރައްވާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަސީރުންގެ އާއިލާތަކާ ޓްރަމްޕު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އިޒްރޭލުގެ ރައީސްގެ އެވޯޑަކީ އިޒްރޭލަށް ނުވަތަ އިންސާނިއްޔަތަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މީގެ ކުރިން 2013 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއަސް ވެސް ވަނީ މި އެވޯޑް ދީފަ އެވެ. -- އޭއެފްޕީ