13 އޮކްޓޯބަރ 2025 - 06:09

ފަލަސްތީނުގެ ޣައްޒާގައި "ހަނގުރާމަ ނިމިއްޖެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޣައްޒާގެ ސުލްހައިގެ ސަމިޓަށް ފުރާ ވަޑައިގަންނަވަމުން ވިދާޅުވެއްޖެ އެވެ.
އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ މިއީ "ވަރަށް ހާއްސަ" ދަތުރެއް ކަމަށެވެ. އަދި ހަމާސް އާއި އިޒްރޭލުން ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެތޯ އަދި އެކަން ރަނގަޅަށް ކުރިއަށް ދާނެތޯ އުފައްދާ ސުވާލުތަކަކީ ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެ ހަނގުރާމަ ނިމިއްޖެ. އޯކޭ؟ އެކަން އެނގޭތަ؟،" އިޒްރޭލާއި ހަމާސްގެ ކުރިމަތިލުން ދާއިމީ ގޮތެއްގައި ނިމުނީކަމާ މެދު އޮތީ ކިހާ ޔަގީންކަމެއްތޯ ސުވާލުކުރުމުން، 79 އަހަރުގެ ޓްރަމްޕު ވިދާޅުވި އެވެ.
ހަމަލާތައް މެދުކަނޑާލުން އެގޮތުގައި ދެމި އޮންނާނެތޯ ސުވާލުކުރުމުން ވިދާޅުވީ "އެކަން އެހެން އޮންނާނެ ކަމަށް އުންމީދުކުރަން" ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެކަން އެގޮތުގައި އޮންނާނެހެން. އަޅުގަނޑަށް ހީވަނީ އެންމެން ވަރުބަލިވެއްޖެހެން. މިކަމުގައި އެތައް އަހަރެއް ހޭދަވެއްޖެ،" ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު މި ދަތުރުގައި ފުރަތަމަ ވަޑައިގަންނަވާނީ އިޒްރޭލަށެވެ. ހަމާސް އިން މިނިވަންކުރާ އިޒްރޭލުގެ އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި އަދި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެ އެވެ. އޭގެ ފަހުން ދެން ވަޑައިގަންނަވާނީ މިސްރުގެ ޝަރުމުއް ޝައިހްގައި ބާއްވާ ސަމިޓަށެވެ. -- އޭއެފްޕީ