އިޒްރޭލާ ގުޅުން އޮންނަ ޣައްޒާގެ ގޭންގަކުން، ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިޔަކު މަރާލައިފި
އިޒްރޭލާ ގުޅުން އޮންނަ ޣައްޒާގެ ގޭންގަކުން، ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިޔަކު މަރާލައިފި

ޣައްޒާގައި އިޒްރޭލުގެ އެހީއާ އެކު ހަރަކާތްތެރިވާ ހަތިޔާރު އެޅި ގޭންގެއްގެ ބަޔަކު ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ސާލިހް އަލްޖަފަރާވީ އަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.

އިޒްރޭލުން ދެ އަހަރު ވަންދެން ޣައްޒާއަށް ދިން ހަމަލާތައް މެދުކަނޑާލާފައި އޮތް ވަގުތު އަލްޖަފަރާވީއަށް ހަމަލާ ދިނީ ގޭންގު މެންބަރުންގެ ބަޔަކު އަތުލައިގަންނަން ހަމާސްގެ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތެއްގެ ތެރޭގައި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ހަތިޔާރާ އެކު އުޅުނު ގޭންގުގެ ބަޔަކު ނުކުމެ އަލްޖަފަރާވީ ވަށާލައި ހަތް ފަހަރު ބަޑިން ހަމަލާ ދިން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ކުރިން ވެސް އިޒްރޭލުގެ އަމާޒަކަށް ވެފައިވާ އަލްޖަފަރާވީ މަރާލީ ޣައްޒާގެ ސަބްރާ ނެއިބަހުޑްގައި އިޒްރޭލުން ދީފައިވާ ބޮޑެތި ގެއްލުންތައް ޑޮކިއުމެންޓްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސީދާ އޭނާއަށް އަމާޒުކޮށް ހަމަލާ ދީގެންނެވެ. އަދި މިކަން ކުރި މީހުންނަކީ އިޒްރޭލާ ގުޅިގެން އުޅޭ ގޭންގެއް ކަމަށް މަޝްހޫރު ބައެކެވެ.

ޣައްޒާގައި ވެރިކަންކުރާ އޮފީހުގެ މީޑީއާ އިން ބުނީ މިއީ އިޒްރޭލުން ފަލަސްތީނުގެ ނޫސްވެރިން މެރުމަށް ރާވައިގެން ހިންގާ ސިލްސިލާގެ ބައެއް ކަމަށެވެ.

ޣައްޒާއަށް ހަމަލާދިން ދެ އަހަރު ތެރޭ އިޒްރޭލުން ވަނީ 250 ނޫސްވެރިޔަކު މަރާލައިފަ އެވެ.