ވަރުން އާއި ޖާންވީގެ އާ ފިލްމަށް ތަރުހީބު ކުޑަ!
ވަރުން އާއި ޖާންވީގެ އާ ފިލްމަށް ތަރުހީބު ކުޑަ!

ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރުން ދާވަން އާއި ޖާންވީ ކަޕޫރް އެކުގައި ކުޅުނު ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި މަހުގެ ދެވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަށް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިންޑިއާގެ ބޮކްސް އޮފީހުގައި ލިބިފައި ވަނީ 46.65 ކްރޯޑް ރުޕީސް އެވެ.

އެ ފިލްމަކީ 75 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ފިލްމަށް ލިބޭ ތަރުހީބު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާތީ، ފިލްމު ފްލޮޕް ވާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދިން ރޮމޭންޓިކް ކޮމެޑީ ފިލްމުގައި ވަރުން އާއި ޖާންވީއާ އެކު މުހިންމު ރޯލުތައް ކުޅުނީ ރޯހިތު ސަރަފް އާއި ސާނިޔާ މަލްހޯތުރާ އެވެ.

"ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ޑައިރެކްޓަރަކީ ޖާންވީ ބޮލީވުޑަށް ތައާރަފުވި "ދަޅަކް" އާއި ވަރުން ކުޅުނު "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" ކަހަލަ ފިލްމުތައް ގެނެސްދިން ޝަޝަންކް ކައިތަން އެވެ.

ވަރުން އާއި ޖާންވީ އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ބަވާލް" އެވެ. އެ ފިލްމަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ނުކުތް ޖާންވީ ފިލްމު "ޕަރަމް ސުންދަރީ" ވެސް ވަނީ ފްލޮޕްވެފަ އެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލު ކުޅުނީ ސިދާތު މަލްހޯތުރާ އެވެ.