12 އޮކްޓޯބަރ 2025 - 21:57

އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ހަންކެޑެގައި ތަރައްގީ ކުރަނީ 1،000 އެނދުގެ ރިސޯޓެކެވެ. އެއީ ގާތްގަނޑަކަށް ހަތް ހެކްޓަރުގެ ސަރަހައްދެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، އެރަށް ދޫކުރަނީ ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން، ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި އިއުލާނަށް ގެނައި ނުވަ ވަނަ އިސްލާހުގެ ދަށުން ކަމަށެވެ.
ތަރައްގީ ނުކުރެވި ދިގުލައިގެން ގޮސްފައިވާ ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން މިދިޔަ ޖޫން މަހު ސަރުކާރުން ވަނީ ނިންމި ނަމަވެސް، މީގެ ހަފްތާއެއް ކުރިން ވަނީ އެ ނިންމުން ބަދަލުކޮށް، އެތަނުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރަން ނިންމައިފަ އެވެ.
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. އޭގެފަހުން އެކި ސަރުކާރުތަކުން އެ މަޝްރޫއު ހިންގަން އިއުލާންކުރި ނަމަވެސް މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.
މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަނުޖެހޭތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެކަން ރަސްމީކޮށް އެމްއެފްއެމްސީ އިން ހާމައެއް ނުކުރެ އެވެ. އެ މަޝްރޫއު ލަސްވާތީ، އެކަން ބެލުމަށް މިއަހަރު މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅި އެވެ.