އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހަށް
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހަށް

ރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހަޅުއްވަނީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އެވެ. މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެ ބިލުގެ ބޭނުމުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ.

އެ ބިލު ހުށަހަޅަނީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެންނަށް ލިބޭނެ ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށް އެ ބިލްގައިވެ އެވެ.

އެ ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތައް

- އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން

- ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށްވުން

- ގުނަވަން ހަދިޔާ ކުރަނީ އަމިއްލަ އިހްތިޔާރުގައި ރުހިގެން ކަމަށްވުން

އެ ބިލްގައި ބުނާގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ އެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އެކަމަށްޓަކައި އެކުލަވާލާ ހާއްސަ ކައުންސިލެއްގެ ހުއްދަ ލިބިގެންނެވެ. އަދި އެކަމުގައި ސިއްހީ ދާއިރާގެ ފަރާތްތަކުގެ ލަފާ ވެސް ހޯދަންޖެހެ އެވެ.