12 އޮކްޓޯބަރ 2025 - 21:00

ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފެށުމާއެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށް ނިމިއްޖެ އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް އޮޅުވެލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމާއި ބީއެމްއެލްގެ ޗެއާޕަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމާ އެކު، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަން ބޭންކުން ކަނޑައަޅާފައިވާ އަމާޒު ހާސިލްވެފައިވާ ކަމަށެވެ.
"މިއީ ވަރަށް ވެސް ހާއްސަ ކާމިޔާބީއެއް. މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާއެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ވެސް މިވަނީ ހާސިލް ކުރެވިފައި." އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައާއެކު 20 އަތޮޅުގައި ބީއެމްއެލްގެ 42 ބްރާންޗާއި 193 ސެލްފްސާވިސް ބޭންކިން ސެންޓަޜާއި 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.