ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ފްލެޓަށް ވެސް ޝަރުތު ހަމަވި: މިނިސްޓަރު
ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ފްލެޓަށް ވެސް ޝަރުތު ހަމަވި: މިނިސްޓަރު

މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓުގައި ހިމެނޭ ކަމަށެވެ.

އޭގެ ތެރޭގައި 76 މާކްސް ލިބިފައިވާ 645 މީހުން ހިމެނޭ ކަމަށާއި އެ މީހުންނަށް ފްލެޓް ނުލިބޭ ގޮތް ހަދަން މަސައްކަތްކުރި ނަމަވެސް ފިރިމީހާ ނުވަތަ އަނބިމީހާގެ ފްލެޓެއް އޮތުމުން އިތުރު ފްލެޓެއް ނުދެވޭނެ ކަމަށް ބުނާ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނެތް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލަ ނަފްސަށް ގަބޫލެއް ނުކުރަން އެއް އާއިލާ އަށް ދެ ތަން ދޭން ޖެހޭނެ ކަމަކަށް. އެހެންވެ، އަޅުގަނޑުމެން މަސައްކަތް ކުރީ ގާނޫނީ ގޮތުން ނުދީ ވާނެ ގޮތެއް ވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ބައްދަލުކޮށް ވާހަކަ ދެއްކިން. އެ ބޭފުޅުން [އެޗްއާރްސީއެމް] އޭންގަލަކުން މިކަން ހުއްޓުވިދާނެތޯ ނޫންތޯ. ނަމަވެސް އަޅުގަނޑުމެންނާ އެއްކޮށް ކުރި މަސައްކަތުން އެންމެ ފަހުން ނިންމަން ޖެހުނީ ގާނޫނީ ގޮތުން ނުދީ ނިންމާނެ އެއްވެސް ގޮތެއް ނެތް ކަމަށް."

ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް މިހާރު ވަނީ ކުއްޔަށް ދޭން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާ ކަމެކެވެ. އަދި އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުމުގައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވެސް އިއްޔެ ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ އެފަދަ ފްލެޓްތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.