މިއުޒިކަލް ޓުއާތަކުން ދެން ނުފެނިދާނެ: އެޑެލް
މިއުޒިކަލް ޓުއާތަކުން ދެން ނުފެނިދާނެ: އެޑެލް

ލަވަކިޔުންތެރިންނަށް އެ މީހުންގެ ފޭނުންނާ އެންމެ ގާތްކޮށް، ބައްދަލުވެވޭ އެއް ގޮތަކަށް ވާނީ، ސްޓޭޖް ޝޯތަކުން އެ މީހުން ފެނުމެވެ. ހާއްސަކޮށް އެކި ގައުމުތަކުގައި ބާއްވާ މިއުޒިކަލް ޓުއާތަކުގަ އެވެ.

މިއުޒިކަލް ޓުއާތަކުން ދެން ނުފެނިދާނެ: އެޑެލް
މިއުޒިކަލް ޓުއާތަކުން ދެން ނުފެނިދާނެ: އެޑެލް

އެހެންވެ މަޝްހޫރު ލަވަ ކިޔުންތެރިންގެ ޓުއާތަކަށް ފޭނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެ އެވެ. އަދި ލިބޭ ފުރުސަތުތަކުގެ ތެރޭގައި އެ މީހުން ފޭނުންނާ ވީހާ ވެސް ގާތް ގުޅުމެއް ބޭއްވޭތޯ މަސައްކަތް ވެސް ކުރެ އެވެ.

އެކަމަކު އިނގިރޭސިވިލާތުގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ އެޑެލް، 28، ބުނަނީ މިއުޒިކަލް ޓުއާތައް ބާއްވަން އެހާ ބޮޑު ޝައުގުވެރި ކަމެއް ނުހުންނަ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ޓުއާތަކުން ނުފެނިދާނެ ކަމަށް، އެންމެ ފަހުން ބޭއްވި ގްރެމީ އެވޯޑްގައި ފަސް އެވޯޑް އުފުލައިލި ލަވަ ކިޔުންތެރިޔާ ބުންޏެވެ.

މިއުޒިކަލް ޓުއާތަކަށް އަލްވަދާއު ކިޔަން، އެޑެލް ނިންމައިފައިވާ އިރު އޭނާ މިހާރު ހުރީ 15 މަސް ދުވަހަށް ދެމިގެންދާ ޓުއާއެއްގެ ތެރޭގަ އެވެ.

އެޑެލް ލައިވްގެ ނަމުގައި ބާއްވާ މި ޓުއާ މިހާރު ކުރިއަށް ދަނީ ނިއު ޒިލެންޑާއި އޮސްޓްރޭލިއާގެ ސިޓީތަކުގަ އެވެ. މި ޓުއާގައި އޭނާ ވަނީ ޔޫރަޕާއި އުތުރު އެމެރިކާ އަދި މެކްސިކޯގައި ވެސް ޝޯތައް ދީފަ އެވެ.

މިދިޔަ އަހަރުގެ މާޗްގައި ފެށި މި ޓުއާ ނިމުމަކަށް އަންނާނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ.

"އަހަންނަކަށް ހިއެއް ނުވޭ މި ފަހަރުގެ ޓުއާ ނިންމާލުމަށް ފަހު، ދެން އަހަރެން ޓުއާއަކަށް ނިކުންނާހެނެއް. އަސްލު އަހަރެން އެހާ ގަޔާވާ ކަމެއް ނޫން އެތައް ހާސް ބައެއްގެ ކުރިމަތީގައި ސްޓޭޖަށް ނިކުތުމަކީ. އަދި އަހަންނަކަށް ހިއެއް ނުވޭ އަހަންނަކީ ޓުއާތައް އެހާ ޝައުގުވެރިކޮށް ގެނެސްދެވޭ މީހެއް ހެނެއް ވެސް،" ނިއު ޒިލެންޑްގެ އޯކްލަންޑް މައުންޓް ސްޓާމް ސްޓޭޑިއަމްގައި ބޭއްވި ޝޯ ބަލާލަން ދިޔަ 40،000 މީހުންގެ ކުރިމަތީގައި އެޑެލް ބުންޏެވެ.

ދާދި ފަހުން ކައިވެނި ވެސް ކުރި ލަވަ ކިޔުންތެރިޔާ ބުނީ ދުނިޔޭގެ އެކި ތަންތަނުގައި ކޮންސަޓްތައް ބޭއްވުމަކީ އޭނާ އެހާ ކުރާހިތްވާ ކަމެއް ނޫން ކަމަށެވެ.

"އަސްލު އެ ބޭނުން ނުވުމާ އެކު ވެސް މި ނިކުންނަނީ ހަމަ ތިޔަ ފޭނުންނަށްޓަކައި،" ވަރަށް ކާމިޔާބު ތިން އަލްބަމް ވެސް ނެރެފައިވާ އެޑެލް ބުންޏެވެ.

އެޑެލް ލައިވް ކޮންސަޓަކީ އޭނާ ބާއްވާ ތިން ވަނަ ކޮންސަޓެވެ. އެޑެލް އެންމެ ފަހުން ވޯލްޑް ޓުއާ ކޮންސަޓަކަށް ނުކުތީ 2011 ގަ އެވެ. އަދި އެންމެ ފުރަތަމަ އޭނާ ޓުއާއެއް ބޭއްވީ 2008 ގަ އެވެ. ދެހާސް ނުވައަކާ ހަމައަށް އެ ޓުއާ ކުރިއަށް ގެންދިޔައީ "އޭން އިވްނިން ވިތު އެޑެލް" ގެ ނަމުގަ އެވެ.

ޓުއާތަކުން ދެން ނުފެންނާނެ ކަމުގެ ވާހަކަތަކެއް އެޑެލް ދެއްކި އިރު، އޭނާ ބުނީ މި ފަހަރުގެ ޓުއާއަކީ ކެރިއަރުގެ އެންމެ ބޮޑު އެއް ތަޖުރިބާ އަދި އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ.

"އަސްލު މީގެ ސަބަބުން ދިރިއުޅުމަށް ބަދަލުތަކެއް ވެސް އަތުވެއްޖެ. އެކަމަކު އަދި ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ނޭނގޭ." އޭނާ ބުންޏެވެ.