13 އޮކްޓޯބަރ 2025 - 10:39

ހަމާސް އިން މީގެ ދެ އަހަރު ކުރިން އިޒްރޭލަށް ދިން ހަމަލާގެ ތެރޭގައި އަސީރުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރެއިން މިހާރު ބާކީ ތިބި 20 މީހުން މިއަދު މިނިވަންކުރަން ފަށައިފި އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،200 އަށް ވުރެ ގިނަ މީހުން މަރާލި ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ގެންދިޔަ އެވެ. މީގެ ތެރެއިން ބައެއް މީހުން މީގެ ކުރިން މިނިވަންކޮށްފައި ވާއިރު ހަމާސް އާއި އިޒްރޭލުން މިފަހަރުވީ އެއްބަސްވުމުގެ ދަށުން، މިހާރު ބާކީ ތިބި ހުރިހާ އަސީރުން އެއްފަހަރާ މިނިވަންކުރުން ހިމެނެ އެވެ.
ރެޑް ކްރޮސްގެ ބެލުމުގެ ދަށުން މި އެންމެން މިނިވަންކުރަން ނިންމާފައި ވާއިރު އެންމެ ފުރަތަމަ ހަމާސް އިން ހަވާލުކުރީ ހަތް މީހަކު ކަމަށް އިޒްރޭލުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.
އަސީރުން މިނިވަންކުރުމުގެ ކުރިން ހަމާސްގެ ހަތިޔާރުއެޅި ގޮފި ގައްސާމް ބްރިގޭޓްސް އިން ވަނީ މިނިވަންކުރާ 20 މީހުންގެ ލިސްޓު އާންމުކޮށްފަ އެވެ. އިޒްރޭލުން ބުނެފައިވާ ގޮތުގައި، މި ލިސްޓާއި ކުރިން ހަމާސް އިން އިޒްރޭލާ ހިއްސާކުރި ލިސްޓާ ދިމާވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރާއި 48 އަހަރާ ދެމެދުގެ މީހުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގައިވާ ގޮތުން، މިހާތަނަށް މިނިވަން ނުވެ ތިބި ކަމަށް ބެލެވޭ 48 ރަހީނުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި ކަމަށް ބެލެވޭ 20 މީހުން، ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރު ތެރޭ މިނިވަންކުރަން ޖެހެ އެވެ. އަދި އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރަން ޖެހެ އެވެ.
މި އަސީރުންގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ، ގާތްގަނޑަކަށް 2،000 ގައިދީން މިނިވަންކުރާނެ އެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުންނާއި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އިތުރު 1،700 މީހަކު ހިމެނެ އެވެ. އިޒްރޭލުން ބުނެފައިވަނީ ފަލަސްތީނުގެ ގައިދީން މިނިވަންކުރާނީ ހުރިހާ އަސީރުން އިޒްރޭލަށް އެތެރެވީ ކަމުގެ ޔަގީންކަން ލިބުމަށް ފަހު ކަމަށެވެ. ފަލަސްތީނުގެ މިނިވަންކުރާ ގައިދީންގެ ތެރޭގައި އުމުރު ދުވަހުގެ ފަސް ހުކުމް އިއްވާފައިވާ، މުހިންމު ލީޑަރެއް ކަމަށްވާ މަރްވާން ބަރުގޫތީ އަދި އަހްމަދު ސާދާތު ހިމެނިދާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް އެއިން އެކަކަވެސް މިނިވަން ނުކުރާނެކަން މިހާރު ވަނީ އެނގިފަ އެވެ.
"ރަހީނު ކުރި މީހުން އިޒްރޭލުގެ ސަރަހައްދަށް ވަދެފައިވާކަން ޔަގީން ވުމުން ގައިދީން ގޮވައިގެން ބަސްތައް ދަތުރު ފަށާނެ،" އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުގެ ތަރުޖަމާނު ޝޮޝް ބެޑްރޮއިސަން ބުންޏެވެ.
އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިސްރުގެ ޝަރުމުއްޝައިހްގައި ވަނީ ޣައްޒާ އާއި މުޅި މެދުއިރުމައްޗަށް ދާއިމީ ސުލްހަ އާއި ހަމަޖެހުން ގެނައުމާ ބެހޭ ސަމިޓެއް ފަށައިފަ އެވެ. އިސްލާމީ އަރަބި ގައުމުތަކާއި އެމެރިކާގެ ރައީސް ޓްރަމްޕާއި ޔޫރަޕްގެ ބާރުތައް ވެސް ބައިވެރިވާ މި ސަމިޓު ކުރިއަށް ދާއިރު ޣައްޒާއަށް މިހާރު ވަނީ އެހީގެ ސާމާނު ވެސް ވައްދަން ފަށައިފަ އެވެ.
ފުރަތަމަ ފަސް ދުވަސް ތެރޭ ކޮންމެ ދުވަހަކު މަދުވެގެން 400 ޓްރަކްގެ އެހީ ޣައްޒާއަށް އެތެރެކޮށްދޭން ޖެހޭނެ ކަމަށް ސުލްހައިގެ އެއްބަސްވުމުގައި އޮވެ އެވެ.
އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގެ ބަދަލު ހިފައި ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލު ހިސާރުކޮށް ވަރުގަދަ ހަަމަލާދެމުން ގެންދާތާ ދެ އަހަރު ވީއިރު ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.