12 އޮކްޓޯބަރ 2025 - 19:08

އައްޑޫގެ ތިން ރަށެއްގައި ވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު އިސްލާހު ކުރައްވައިފި އެވެ.
އައްޑޫގެ ހުޅުދޫ އާއި މީދޫ އާއި ފޭދޫގައި އައްޑޫ ސިޓީ ކައުންސިލާ ވަކިން ތިން ކައުންސިލެއް އުފައްދަން ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ރައީސް ކަނޑައެޅުއްވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް ފުރަަތަމަ ނެރުއްވި ގަރާރުގައި ހުޅުދޫ އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ކުރިން ކަނޑައަޅުއްވާފައިވާ ސުވާލު އުނިކުރައްވައި، އާ ގަރާރެއް މިއަދު ނެރުއްވާފައިވާ ކަމަށެވެ.
އެހެންވެ، އާ ގަރާރުގެ ދަށުން އެ ވޯޓުގައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލާނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައްޑޫގެ ވޯޓާ ގުޅޭގޮތުން، މިދިޔަ މަހު ރައީސް ޑރ. މުއިއްޒުގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
އެހެންވެ، އެކަން ނިންމާނީ އައްޑޫ ރައްޔިތުން އަމިއްލައަށް ކަމަށާއި އަދި ރައްޔިތުންގެ ރުހުން ނެތި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ތިން ރަށުގައި ވަކިން ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދުއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ލިބެންޖެހޭ ސަމާލުކަން ވެސް ވަކިން އޮތުމުން އެ ރަށަށް ނުލިބޭ ކަމަށެވެ. ނަމަވެސް އެކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެ އިންތިހާބު އޮންނާނީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ އެ ރަށްތަކުގެ ރައްޔިތުންނަށް އެކަންޏެވެ.