ކުޑަކުދިންތަކެއް ތިބި ކްރައިމް ސީނެއް ވީޑިއޯކޮށް، އާންމުކުރީ ފުލުހުންނެއް ނޫން: ޕޮލިސް
ކުޑަކުދިންތަކެއް ތިބި ކްރައިމް ސީނެއް ވީޑިއޯކޮށް، އާންމުކުރީ ފުލުހުންނެއް ނޫން: ޕޮލިސް

ކުޑަކުދިންތަކެއް ތިބި ކްރައިމް ސީންއެއްގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ރެކޯޑްކޮށް، ވީޑިއޯ އާންމުކުރީ ފުލުހުން ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ވީޑިއޯއަކީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި ދާދިފަހުން ބަޔަކު ހައްޔަރުކުރި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގައި އެ މީހުން ތިބި ތަނަށް ފުލުހުން ވަދެ، ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި، އެ މައްސަލާގައި ހައްޔަރުކުރި ބައެއް މީހުންގެ އިތުރުން ދެ ކުޑަކުއްޖަކު ވެސް ފެނެ އެވެ. އަދި ބައެއް މީހުން ވާހަކަ ދައްކާ އަޑު ވެސް އެ ވީޑިއޯއިން އިވެ އެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ފުލުހުން ބުނީ އެ ވީޑިއޯއަކީ އެތަނުގައި ހަރަކާތްތެރިވި ފުލުހަކު ރިކޯޑު ކޮށްފައިވާ ވީޑިއޯއެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ކާކު ރިކޯޑްކުރި ވީޑިއޯއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

"ފުލުހުން ކުށުގެ ވެށްޓެއްގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއަކީ އެ ކުށުގެ ވެށީގައި ހަރަކާތްތެރިވި ފުލުހަކު ރިކޯޑު ކޮށްފައިވާ ވީޑިއޯއެއް ނޫންކަން މައުލޫމާތަށްޓަކައި ދަންނަވަން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރި ވާއިރު، ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ބަޔަކަށް އެތަނަށް ނުވަދެވޭނެ އެވެ.

އެ މައްސަލާގައި އޭރު ހައްޔަރުކުރީ ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ވީޓީވީގައި ވެސް ކުރިން މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރު އަދި ކުޅިވަރުގެ އެކި އިވެންޓްތައް ހޮސްޓް ކޮށްފައިވާ ނާފިއު ރަޝީދާއި މ. އެތުމާ، އަލީ އަޝްރަފާއި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހުމަދާއި ގދ. ވާދޫ، ޕެރިސް، ލުހާން ސައީދެވެ.

ފުލުހުން އޭރު ބުނެފައިވަނީ އެ މައްސަލާގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރުގެ ފިރިހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.