ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އޭސީސީއަށް ހާޒިރުކޮށްފި
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އޭސީސީއަށް ހާޒިރުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަލައެއްގައި ސުވާލުކުރުމަށް އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.

އަމީރު އޭސީސީއަށް ހާޒިރު ކުރުމާއެކު، އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ އެ އޮފީސް ކުރިމަތީގައި ބައެއް ޕޯސްޓަރުތައް ހިފައިގެން އިހުތިޖާޖުކޮށްފަ އެވެ.

އަމީރު ވަނީ އޭނާ އޭސީސީއަށް ހާޒިކުރާތީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އާއި މެމްބަރުންނަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ 2019 އިން 2023 އަށް ފިނޭންސް މިނިސްޓަރުކަން ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.

"ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުން ވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ. ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާ މެދު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި، އޭސީސީގެ ރައީސާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ގެންދަނީ "ބޭއިންސާފުން މީހުން ފްރޭމް ކުރަން" މަސައްކަތް ކުރަމުންނެވެ. އެހެންވެ، އެ މަސައްކަތް ހުއްޓާލަން އޭނާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ، އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އާއި ފުލުހުންގެ އިދާރާއަށް ގެންގޮސް "ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަނޭ" ކަމަށެވެ.

އޭސީސީގެ ތަހުގީގަކަށް އަމީރު ހާޒިރު ކުރިއިރު، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މާދަމާ ހެނދުނު 9:30 އަށް އެ އިދާރާއަށް ހާޒިރުވާން އަންގައި ވަނީ ޗިޓު ފޮނުވައިފަ އެވެ.