މަތިން ޕޮއިންޓް ލިބުނު މީހުންނަށް އިސްކަން ދިނުމުން 75 ޕޮއިންޓް ލިބުނު މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ދޭންޖެހިދާނެ: މިނިސްޓަރު
މަތިން ޕޮއިންޓް ލިބުނު މީހުންނަށް އިސްކަން ދިނުމުން 75 ޕޮއިންޓް ލިބުނު މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ދޭންޖެހިދާނެ: މިނިސްޓަރު

ގެދޮރުވެރިޔާ ސްކީމްގައި 76 ޕޮއިންޓް ލިބުނު ނަމަވެސް ކުރީގެ ސަރުކާރުން ގުރުއަތު ނުނަގާ ތިބި މީހުންނަށް ދޭންޖެހޭ ފްލެޓްގެ އަދަދަށް ބަލާއިރު، 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ފްލެޓް ދެ ކޮޓަރީގެ ފްލެޓަކަށް ބަދަލުކުރަން ޖެހިދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމްގައި ކުރީގެ ސަރުކާރުން ޕޮއިންޓް ދިންއިރު 76 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތައް ގުރުއަތުގައި ބައިވެރިނުކޮށް އަދި 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، އެ ފަރާތްތަކަށް ފްލެޓްތައް ކަނޑައަޅާފައިވާ މައްސަލައެއް ކުރިން ވަނީ ފެންމަތިވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ 76 ނުވަތަ އެއަށް ވުރެން މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން 330 މީހަކަށް ކުރީގެ ސަރުކާރުން ފްލެޓް ކަނޑައެޅުމެއް ނެތި، 75 ޕޮއިންޓް ލިބުނު މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ކަނޑައަޅާފައިވާ ކަމަށެވެ.

"75 މާކްސް ލިބުނު މީހުންގެ ތެރެއިން 315 މީހުންނަށް އެލޮކޭޝަން ހަދާފައިވޭ. މިއީ ފަހަކަށް އައިސް އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ،" މުއްތަލިބް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ކުރިން ވަނީ 76 ޕޮއިންޓް ލިބުމަށްފަހު ގުރުއަތު ނުނަގައި ތިބި މީހުންގެ މެދުގައި ފްލެޓްތައް ކަނޑައަޅަން ގުރުއަތު ނަގައިފަ އެވެ.

ނަމަވެސް އެ މީހުންނަށް ތިން ކޮޓަރީގެ ފްލެޓް ހަމަޖައްސައިދީ ނިމުނުއިރު، 75 ޕޮއިންޓް ލިބިގެން ކުރީގެ ސަރުކާރުން ތިން ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އެންމެންނަށް ހަމަވާ މިންވަރަށް ތިން ފްލެޓްތަކެއް ބާކީ ނެތް ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި 76 ޕޮއިންޓް ލިބިފައި ތިބި އެންމެންނަށް ތިން ކޮޓަރީގެ ފްލެޓް ދިނުމަށްފަހު 75 ޕޮއިންޓް ލިބުނު މީހުންނަށް ވެސް ތިން ކޮޓަރީގެ ފްލެޓް ދެވޭތޯ މަސައްކަތް ކުރި ނަމަވެސް އެ އަދަދަށް ފްލެޓް ނެތުމުން، ބާކީވާ މީހުންނަށް ދެ ކޮޓަރީގެ ފްލެޓް ހަމަޖައްސައިދޭން ޖެހިދާނެ ކަމަށެވެ.

"ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑުމެންނަށް ފުރުސަތު ދެވޭނެއޭ. އެކަމަކު 75 ގެ ބައެއް ފަރާތްތަކަށް އަޅުގަނޑުމެން ޖެހިދާނެއޭ ދެ ކޮޓަރީގެ ފްލެޓް އޮޕްޝަން ދޭން. އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި އެންމެ އިންސާފުވެރި ގޮތަކަށް ވާތީ އެގޮތަށް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ." މުއްތަލިބް ވިދާޅުވި އެވެ.

ނަމަވެސް 75 ޕޮއިންޓް ލިބުނު މީހުން ފްލެޓް ނުލިބި ބާކީ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ދަންނަވަން ކެރޭ އަޅުގަނޑުމެންނަށް 75 ޕޮއިންޓް ލިބުނު މީހުންނަށް ކޮންމެވެސް އެއް އޮޕްޝަނެއް، ތިން ކޮޓަރި ނުވަތަ ދެ ކޮޓަރި ލިބޭނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 75 މާކްސް ލިބުނު ފަރާތްތަކުގެ ތެރެއިން ބައެއް މީހުން މިހާރު ވެސް ދެ ކޮޓަރީގެ އެޕާޓްމެންޓް ހޯދަން އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް ބޭނުންވާނަމަ މިހާރު ވެސް ފްލެޓް ހަވާލު ކުރުމުގެ އެއްބަސްވުން ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެދޭ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް މިހާރު ވެސް އަޅުގަނޑުމެންނަށް އެގްރިމެންޓް ހެދިދާނެ." މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު ހަވާލުވިއިރު ކަސްޓަމްސަށް 100 ފްލެޓް ދޭން ނިންމައި، އެ މީހުންނަށް ލިބޭ ކަނޑައަޅަން ފްލެޓްގެ ގުރުއަތު ވެސް ވަނީ ނަގައިފަ އެވެ. އެ ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 83 ފްލެޓާއި ދެ ކޮޓަރީގެ 12 ފްލެޓެވެ.

މުއްތަލިބް އެގޮތަށް ވިދާޅުވިއިރު، ސަރުކާރުން ކުރިން ވަނީ 76 ޕޮއިންޓް ލިބުނު މީހުން ގުރުއަތުގައި ބައިވެރިނުކޮށް 75 ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ކަނޑައެޅި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފަ އެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. ދެ ކޮޓަރީގެ ފްލެޓްތައް ކުއްޔަށް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ. ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހެ އެވެ.

ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކަން އަންގަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީން ބުނީ މިހާތަނަށް 3،140 މީހުން ސޮއިކޮށް ނިމިފައިވާ ކަމަށެވެ.

އެ ފްލެޓްތަކާ ގުޅޭގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޑްވާންސް ޑިޕޮސިޓް ދައްކަން އެންގީ 1،731 މީހުންނަށެވެ. އޭގެ ތެރެއިން މިހާތަނަށް 1،273 މީހުން ފައިސާ ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ފުރަތަމަ ފްލެޓް ހަވާލުކުރަން ފެށީ، އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ މީހުންނަށެވެ. ޒޯންތަކަކަށް ބަހާލައިގެން ފްލެޓްތައް ހަވާލުކުރަމުން އަންނައިރު، ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ ވެސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ.