12 އޮކްޓޯބަރ 2025 - 15:10

އައްޑޫ ހުޅުދޫގެ ޑަކް ޕާކުގެ ދޫނިތަކާއި މަސްތައް މެރި ކަމަށް ބުނާ މައްސަލަ ފުލުހުންނާއި ޖަނަވާރާ ބެހޭ މިނިސްޓްރީން ވެސް ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުދޫ ޑަކް ޕާކުގައި އުޅޭ ދޫންޏާއި މަސްތައް މަރުވާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ވެސް ދެންމެ "މިހާރު" އަށް ބުންޏެވެ.
ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ އެއްޗެހި މަރާލި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި އެ ޕާކުގައި ގެންގުޅޭ އަސްދޫންޏާއި އެކި ބާވަތުގެ އެހެން ދޫނިތައް ވެސް ވަނީ މަރުވެފަ އެވެ. އަދި އެ ޕާކުގެ ފެންގަނޑުގެ ތެރޭގައި އުޅޭ މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް ވަނީ އަރައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން އިއްޔެ "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވާކަން ފާހަގަވާން ފެށީ މީގެ ދެތިން ދުވަސް ކުރިން ކަމަށެވެ. އެ އެއްޗެހި މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނަސް ބޮޑަށް ބެލެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން އެ ދިރުންތައް މަރާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަކް ޕާކަށް ބަޔަކު ގެއްލުން ދިން ކަމަށް ބެލެވޭއިރު، މި މަހުގެ ހަތަރުވަނަ ދުވަހާއި ފަސްވަނަ ދުވަހު އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ. އެ ކުޅީގެ 80 ޕަސެންޓް އަނދައިގެން ދިޔަ ކަމަށް ބެލެވޭއިރު، އެތަނުގައި ވެސް ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.