12 އޮކްޓޯބަރ 2025 - 15:27

އިންޑިއާގައި މި ފަހުން 12 ވަރަކަށް ކުއްޖަކު މަރުވި ހާދިސާއާ ގުޅިފައިވާ ކަފް ސިރަޕަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ އޮންނަ ބަޔަކު ހަދާ އެއްޗެއް ނޫން ކަމަށާއި އެކަމަކު އަމިއްލަ ބޭނުމެއްގައި ވެސް އެ ކުންފުނިތަކުގެ ބޭސް ގެންނަ ނަމަ ސަމާލުވާން އެމްއެފްޑީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އިދާރާއިން ކުރި އިއުލާނުގައި ބުނީ ކެއްސާތީ ކުޑަކުދިންނަށް ދޭ ދިޔާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ "ޑައިތްލީން ގްލައިކޯލް" ހުރެގެން އެ ބޭސް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފައިވާކަން ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ނެޓްވޯކުން އެލާޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ އެލާޓުގައި ފާހަގަކޮށްފައިވަނީ އެމްއެފްޑީއޭއިން ބޭސް އިމްޕޯޓުކުރުމަށް ހުއްދަ ދީފައިވާ ތިން ކުންފުންޏެއް ނޫން ކަމަށް އިއުލާނުގައިވެ އެވެ. އެހެންވެ، އިމްޕޯޓުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބޭސްތައް ރާއްޖެ އިމްޕޯޓުކޮށްފައިނުވާ ކަމަށް ބުންޏެވެ.
މަދްޔަ ޕްރަދޭޝްގެ ސްޓޭޓް ޑްރަގް ލެބޯޓްރީއަކުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި، ޓެސްޓުކުރި 19 ބޭހުގެ ތެރެއިން، ކުދިން މަރުވި މައްސަލަ ދިމާވި "ކޯލްޑްރިފް" ސިރަޕްގެ ސާމްޕަލެއްގައި 46.28 ޕަސެންޓް ޑައިތިލީން ގްލައިކޯލް ހުއްޓެވެ. އެކަމަކު ބޭސްތަކުގައި މި މާއްދާ އެންމެ ގިނައިން ވެސް ބޭނުންކުރެވޭ މިންވަރަކީ 0.1 ޕަސެންޓެވެ.
އޭގެ އިތުރުން އެ މައްސަލަ ދެން ފެންމަތިވި މެންތޯލް ސިރަޕުގައި 1.3 ޕަސެންޓުގެ ޑައިތްލީން ގްލައިކޯލް އަދި މެންތޯލް ސިރަޕް ރިލީފްގައި 0.6 ޕަސެންޓުގެ ޑައިތްލީން ގްލައިކޯލް ހުއްޓެވެ.
އެމްއެފްޑީއޭއިން ވަނީ އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާއިރު ވެސް މި ކަމަށް ސަމާލުވާން އެދިފަ އެވެ.
"ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހާއްސަކޮށް ތުއްތު ކުދިންނަށް ދޭ ބޭހުގައި މިހާރު ފާހަގަކުރެވެމުންދާ މި މައްސަލަ ހައްލުކުރުމުގެ ގޮތުން މި އޮތޯރިޓީން އަބަދު ވެސް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ،" އިއުލާނުގައި ބުންޏެވެ.
އެ އިދާރާއިން ބުނީ މިހާރު ގާއިމްކޮށް އަދި ތަންފީޒުކުރާ އެންމެ މުހިއްމު ފިޔަވަޅަކީ ކެއްސުމާއި ރޯގާއަށްދޭ ކުޑަކުދިންގެ ސިރަޕް އެތެރެކުރާއިރު ޑައިތުލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ނުހިމެނޭކަން ކަށަވަރުކޮށްދޭ ލެބޯޓްރީ ތަހުލީލު ރިޕޯޓު ލިބި، ބޭހުގައި އެ ކެމިކަލް ނެތްކަން ކަށަވަރުކުރުމުން ކަމަށެވެ.
އެކަމާ ގުޅޭގޮތުން މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން 7200321 އަށް ގުޅައި މައުލޫމާތު ސާފުކުރަން ވަނީ އެދިފަ އެވެ.
ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް އަކީ އިންޑަސްޓްރިއަލް ކެމިކަލެކެވެ. އެ ދެ ވިހަ ހުރި ބޭސް ބޮއެގެން މީގެ ދެ އަހަރު ކުރިން އިންޑޮނީޝިޔާގައި 368 ކުދިން އަދި ގެމްބިއާގައި 70 ކުދިން މަރުވި އެވެ. އެފަހަރު މައްސަލަ ޖެހުނު ސިރަޕް އޭރު ރާއްޖޭގެ ފިހާރަތަކުގައި ވެސް ހުއްޓެވެ.