12 އޮކްޓޯބަރ 2025 - 14:19

ސްކޭޓް މޯލްޑިވްސްގެ ކުރިއަށް އޮތް ދައުރުގެ ރައީސަކަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ތަޖުރިބާކާރު ސްޕޯޓްސް އެޑްމިނިސްޓްރޭޓަރު މުހައްމަދު ހާނިމް އިންތިހާބުކޮށްފި އެވެ.

ރާއްޖޭގައި ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ މި ކުޅިވަރުގެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ހަތަރު އަހަރު ދައުރުގެ އެގްޒެކެޓިވް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރީ މިދިޔަ ހަފުތާގައި ބޭއްވި ހާއްސަ އާއްމު ޖަލްސާގަ އެވެ.
ކުރީގެ މަޝްހޫރު ދުވުންތެރިޔާ އަދި، ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުކަން ވެސް ކުރައްވާފައިވާ ހާނިމް ވިދާޅުވީ މިއީ ނަމޫނާ އެސޯސިއޭޝަކަށް ހެއްދެވުމަށް ކޮމިޓީގެ މެމްބަރުންނާ އެކު ބުރަކޮށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރައީސް: މުހައްމަދު ހާނިމް
ނައިބް ރައީސުން: އިސްމާއީލް ޝަފީއު އަދި މުހައްމަދު ޝަފްރާޒް
ރޯލާ ސްޕޯޓްސް އިން ސްކޫލް ކޮމިޝަން ރައީސް: އަބްދުﷲ ރިއްފަތު
ޑިވެލޮޕްމަންޓް ކޮމިޝަން ރައީސް: އައިމަން އިބްރާހީމް
އެތިކްސް ކޮމިޝަން ރައީސް: އަބްދުﷲ ރަޝީދު
އިވެންޓްސް ކޮމިޝަން ރައީސް: އަހުމަދު ޝަހުލަމް
މާކެޓިން ކޮމިޝަން ރައީސް: މުހައްމަދު ޝާވިން
ހާނިމް ވިދާޅުވީ މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާލޭގައި ސަރުކާރުން ސްކޭޓް އެރީނާއެއް ތަރައްގީކޮށްދިނުން ކަމަށާއި، އަލަށް މި ލިބޭ ވަސީލަތަކާ އެކު، މި ކުޅިވަރުން ބައިނަލްއަގްވާމީ ކާމިޔާބީ ހޯދައިދޭން ތަމްރީން ޕްރޮގްރާމްތައް ހިންގަވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، ހެންވޭރު އުސްފަސްގަނޑުގައި މިދިޔަ ހަފުތާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ސްކޭޓް އެރީނާގެ ބިންގާ އަޅައިދެއްވައިފަ އެވެ.
މި އެރީނާގައި އިންލައިން ސްޕީޑް ސްކޭޓިން އަށް ހާއްސަ ޓްރެކަކާއި، ސްކޭޓް ބޯޑިން ކޮމިއުނިޓީ އަށް ސްކޭޓް ބޯޑް ޕާކެއް ހިމެނެ އެވެ. މިނިސްޓަރު ވަނީ އެ މަސައްކަތް ދެ ތިން މަސް ތެރޭ ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހާނިމް ވިދާޅުވީ މިއީ ސްކޭޓް ކޮމިއުނިޓީގެ ވަރަށް ބޮޑަށް ހުވަފެނެއް ކަމަށާއި، އެ މަސައްކަތް އަވަހަށް ނިންމަވަން މިނިސްޓަރު ދެއްވި ޔަގީންކަމާ އެކު، އެކަމަށް އެސޯސިއޭޝަނުން ވަރަށް ބޮޑަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ގައުމީ ފުޓްބޯޅަ ޓީމުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މެނޭޖަރުކަން ކުރެއްވި، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހާނިމް ވިދާޅުވީ އަމާޒަކީ ސްކޭޓިން އަކީ ރާއްޖޭގެ ނަން ހިނގާ ކުޅިވަރުތަކާ އެއް ސަފެއްގައި ނަން ކިޔާ ކުޅިވަރަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި، މި ކުޅިވަރު މުޅި ރާއްޖޭގައި ފުޅާކުރައްވައި، އަދި ސްކޫލްތަކުގައި ސްކޭޓިން ކްލަބް ހެދުމަށް އެޑިއުކޭޝަނާ އެކު މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާނިމް ވިދާޅުވީ މިހާ ޅަފަތުގައި އޮތް ކުޅިވަރެއް މިހިސާބަށް އާދެވުމުގައި މި ކުޅިވަރު ކުޅޭ ކުދިންގެ ބެލެނެވެރިންގެ ދައުރު ބޮޑު ކަމަށެވެ. އަދި ސްކޭޓް އެރީނާއެއް ގާއިމްކުރުމަށް ބިމެއް ހޯދުމަށް މިނިސްޓަރާ އެކު އެސޯސިއޭޝަނުން ކުރި މަސައްކަތުގައި މިނިސްޓަރު އިސް ނަންގަވައިގެން ކުރިއަށް އެޅުއްވި ފިޔަވަޅުގެ މުހިއްމުކަން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށް ހާނިމް ވިދާޅުވި އެވެ. އަދި މި މަސައްކަތުގައި ކުލަ ޖައްސަވައިދެއްވަން ރައީސް މުއިއްޒު ކޮށްދެއްވި މަސައްކަތް ބަލައިގަނެ، އެކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށް ވެސް ހާނިމް ވިދާޅުވި އެވެ.