12 އޮކްޓޯބަރ 2025 - 13:57

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތައް ކުއްޔަށް ދޭތޯ ބަލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިއުލާން ކޮށްފައި ވަނިކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ފްލެޓުތައް ވެސް ކުއްޔަށް ދޫކުރޭތޯ ބަލާނެ ކަމަށް އެ ކުންފުނިން ވެސް މިއަދު ބުނެފި އެވެ.
ހުޅުމާލެ ބަލަހައްޓާ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެހެންވެ، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެޗްޑީސީން ބުނީ ސޯޝަލް ހައުސިން މަޝްރޫއުން ދޫކުރި ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކުންފުނިން ބަލަމުންދާނެ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް އެހެން މީހަކަށް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައިވެ އެވެ.
ސޯޝަލް ހައުސިން މަޝްރޫއުން ދޫކުރާ ފްލެޓުތައް ކުއްޔަށް ދޫކުރާ މައްސަލަ އަބަދުވެސް ބޮޑެވެ. މިފަހަރު އެކަން ބޮޑުވީ، ހުޅުމާލޭގައި އެފްޑީސީން ތަރައްގީކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކޮށް ނުނިމެނީސް، އޭގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޭން އިއުލާން ކުރުމުންނެވެ.
އެކަމާ ގުޅިގެން އެފްޑީސީ އަދި ހައުސިން މިނިސްޓްރީން ވަނީ ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދޭ ފަރާތްތައް ބަލާނެ ކަމަށާއި އަދި އެކަން ކޮށްފައިވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން، 2022 ވަނަ އަހަރު ގެޒެޓުކުރި އިޖުތިމާއީ ބޯހިޔާވަހިކަމުން ލިބޭ ތަންތަން ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގަވާއިދުގައިވާ ގޮތުން، އެފަދަ މަޝްރޫއަކުން ލިބޭ މުޅި އެޕާޓްމަންޓް ކުއްޔަށް ނުދެވޭނެ އެވެ. އޭގެ ބަދަލުގައި، އެޕާޓްމަންޓަކުން ކޮޓަރިއެއް ކުއްޔަށް ދެވިދާނެ އެވެ.
އެހެންވެ، ހިޔާފްލެޓާއި އެފްޑީސީގެ ފްލެޓުތަކަށް އެގްރިމެންޓް ހަދާފައިވަނީ އެކަންކަމަށް ރިއާޔަތްކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ސޯޝަލް ހައުސިން ފްލެޓްގެ އެއްބަސްވުމާ ހިލާފްވެގެން އެއްވެސް ފްލެޓެއް އަތުލާފައެއް ނުވެ އެވެ.