12 އޮކްޓޯބަރ 2025 - 12:25

ބޮލީވުޑްގެ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ ފިލްމްފެއާގައި މި އަހަރު އެންމެ ގިނަ އެވޯޑް "ލާޕަތާ ލޭޑީސް"އަށް ލިބިއްޖެ އެވެ.
މި އަހަރުގެ ފިލްމްފެއާ އެވޯޑް ބޭއްވީ ރޭގަ އެވެ.
އާމިރް ޚާންގެ ކުރީގެ އަންހެނުން ކިިރަން ރާއޯ ޑައިރެކްޓުކޮށްފައިވާ "ލާޕަތާ ލޭޑީސް"އަށް ޖުމްލަ 13 އެވޯޑެއް ލިބިފައިވެ އެވެ. އެއީ މިފަހަރު އެންމެ ގިނަ ނޮމިނޭޝަންތައް ވެސް ހޯދި ފިލްމެކެވެ.
"ލާޕަތާ ލޭޑީސް"އަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމާއި ކިރަންއަށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެ ފިލްމުގެ ލީޑް އެކްޓްރެސް ޕްރަތިބާ ރަންތާއަށް އެންމެ މޮޅު އެކްޓްރެސް (ކްރިޓިކްސް)ގެ އެވޯޑާއި އެންމެ މޮޅު މިއުޒިކް އަލްބަމާއި އެންމެ މޮޅު ލިރިކްސް އާއި އެންމެ މޮޅު ސްކްރީންޕްލޭ އަދި އެންމެ މޮޅު ޑައިލޮގް ކަހަލަ އެވޯޑްތައް ހިމެނެ އެވެ.
ދެން އެންމެ ގިނަ އެވޯޑް ކާމިޔާބުކުރީ ކަރަން ޖޯހަރް ޕްރޮޑިއުސްކުރި އެކްޝަން ތުރިލާ "ކިލް" އެވެ. އެ ފިލްމަށް ހަ އެވޯޑެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި، އެ ފިލްމުގެ ލީޑް އެކްޓަރު ލަކްޝިޔައަށް ލިބުނު އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑް ވެސް ހިމެނެ އެވެ.
މިފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑް ކާމިޔާބުކުރީ "އައި ވޯންޓް ޓު ޓޯކް" އިން އަބީޝެކް ބައްޗަން އާއި "ޗަންޑޫ ޗެމްޕިއަން" އިން ކާތިކް އަރްޔަން އެވެ. އަދި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ކާމިޔާބުކުރީ "ޖިގްރާ" އިން އާލިއާ ބަޓެވެ.
މިއީ ފިލްމުފެއާ އެވޯޑް ދިން 70 ވަނަ އަހަރެވެ.
މި އަހަރުގެ ފިލްމްފެއާ އެވޯޑް ހަފުލާ ހޮސްޓުކޮށްދިނީ ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން އެވެ. ޝާހު އެ އެވޯޑް ހޮސްޓުކޮށް މި ދިނީ 17 އަހަރު ފަހުންނެވެ.