12 އޮކްޓޯބަރ 2025 - 12:50

ރާއްޖޭގެ ބީޗް ވޮލީ ރެފްރީ އިސްމާއީލް އަބްދުﷲ (އިންމަ) އަށް، ފުރަތަމަ ފަހަރަށް ނިއުޓްރަލް ރެފްރީއެއްގެ ގޮތުގައި އޭވީސިން ދައުވަތު ދީފި އެވެ.
ބަހްރެއިންގައި މި މަހު ބާއްވާ އޭޝިއަން ޔޫތު ގޭމްސްގެ ބީޗް ވޮލީ މެޗުތަކުގައި އިންމަ ހަމަޖެއްސީ، ނިއުޓްރަލް ރެފްރީއެއްގެ ގޮތުގަ އެވެ.
މީގެ ކުރިން ބޭރުގެ މުބާރާތްތަކުގައި އިންމަ ރެފްރީކަން ކުރަން ފުރުސަތު ލިބިފައި ވަނީ ޓީމު ރެފްރީއެއްގެ ގޮތުގަ އެވެ.
ޓީމު ރެފްރީއެއްގެ ގޮތުގައި ގޭމްސްތަކަށް ޖާގަ ދޭނީ ގައުމުތަކަށެވެ. އެ ގައުމަކުން ރެފްރީން ފޮނުވަން ލިބޭ ޖާގަތަކަށް ފޮނުވާނެ ރެފްރީން ކަނޑައަޅާނީ އެ ގައުމެއްގެ ގައުމީ އެސޯސިއޭޝަން ނުވަތަ އެ ގޭމްސްއެއްގައި ތަމްސީލު ކުރާ ޓީމުތަކުގެ ކަންކަން ބަލަހައްޓާ އެ ގައުމެއްގެ އިދާރާއަކުންނެވެ.
އެކަމަކު ނިއުޓްރަލް ރެފްރީންގެ ގޮތުގައި މުބާރާތްތަކަށް ދާނެ ރެފްރީން ކަނޑައަޅާނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. ވޮލީގައި ނަމަ، އެފްއައިވީބީން ނުވަތަ އޭޝިއާގެ މުބާރާތެއް ނަމަ އޭވީސީންނެވެ.
މިދިޔަ ޖޫން މަހު އޭޥިސީގެ ބީޗް ވޮލީ ރެފްރީކަމުގެ ދަރަޖަ ހާސިލު ކުރި އިންމަ އަށް ނިއުޓްރަލް ރެފްރީއެއްގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ކުރިން ކެންޑިޑޭޓެއްގެ ދަރަޖަ، ރެފްރީއެއް ދަރަޖަ އަށް އޭނާ ވާސިލުވީ އޭވީސީން ކަނޑައަޅާފައިވާ އަދަދަށް އިންޓަނޭޝަނަލް މެޗު ހަމަ ކޮށްގެންނެވެ.
އިންމައަކީ އޭވީސީގެ ބީޗް ވޮލީ ރެފްރީކަމުގެ ދަރަޖަ ހާސިލު ކުރި ރާއްޖޭގެ ދެ ވަނަ ރެފްރީ އެވެ. އޭނާ ވެސް ފުރަތަމަ ހެދީ އިންޑޯ ރެފްރީކަމުގެ ކޯހެވެ. އިންޑޯގައި ރެފްރީކަން ވެސް ކުރި އެވެ. ގިނަ ފުރުސަތުތަކެއް ވެސް ފަހިވި އެވެ. އެކަމަކު 2018 ގައި އޭނާ ބީޗް ވޮލީ ރެފްރީ ކޯސް ފުރިހަމަކޮށް ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ފެށި އެވެ.
އިންމައަކީ، ރާއްޖޭގެ މަޝްހޫރު ރެފްރީ އިންޓަނޭޝަނަލް ރެފްރީ ހުސައިން މުހައްމަދަށް ފަހު އޭވީސީގެ ދަރަޖަ ހާސިލު ކުރި ފުރަތަމަ ރެފްރީ އެވެ.
އިންމަ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ހުސައިން އަކީ، އޭނާގެ މެންޓޯ ކަމަށެވެ.
"ހުސައިން ވަރަށް ހިތްވަރު ދީ ކިޔައިދީ މެންޓޯއެއް ގޮތަށް މަގުދައްކައިދިން ބައްޕައެއްކަހަލަ ފިގާއެއް އެއީ،" މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން އަދި ފިރިހެން ފައިނަލުގައި ވެސް ރެފްރީކަން ކުރި އިންމަ ބުނެފައި ވެއެވެ.
ނޭޕާލްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ދެ ފައިނަލުގައި ސެކަންޑް ރެފްރީކަން ކުރި އިންމަ ބުނީ ބީޗް ވޮލީ އަށް ހުސްވެ އެ ހަރުގަނޑުގައި އޭނާ އަށް ހުރެވުނީ ހުސައިން ދިން ސަޕޯޓުގެ ސަބަބުން ކަމަށެވެ.
އެފްއައިވީބީގެ ކުރީގެ ރައީސް އަރީ ގްރާސާ ރާއްޖެ އަށް ވަޑައިގަތުމުން އޭނާގެ ޝަރަފުގައި ކުޅުނު އެގްޒިބިޝަން މެޗުގައި ވެސް ރެފްރީކަން ކުރުމުގެ ޝަރަފު ލިބުނު އިންމަ ބުނީ ދެން އޭނާގެ ކުރިމަތީގައި އޮތީ އެންމެ އުނދަގޫ ޓާގެޓް ކަމަށެވެ. އެއީ އެފްއައިވީބީ ބީޗް ވޮލީ ރެފްރީކަމުގެ ބެޖް ހާސިލުކުރުމަކީ އޭނާގެ ދެން އޮތް އުއްމީދު ކަމަށް އިންމާ ބުންޏެވެ.
ރާއްޖޭގައި އެ ބެޖް ހާސިލު ކުރި ފުރަތަމަ ރެފްރީއަކީ، އާރްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ. އެކްޓިވް ރެފްރީއެއްގެ ގޮތުގައި މިވަގުތު އެފްއައިވީބީގެ ބެޖް ހާސިލުކޮށްގެން ހުރި ހަމައެކަނި ދިވެއްސަކީ ހުސައިންނެވެ.