28 މާޗް 2017 - 12:49

އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ ގަލޮޅު ދަނޑުގައި ރާއްޖެ އާއި ފަލަސްތީން ކުޅޭ މެޗުގެ ޓިކެޓް ގާތްގަނޑަކަށް ވިކި ހުސްވެއްޖެ އެވެ.
ގޮނޑިބަރީގެ ޓިކެޓް އެއްކޮށް ހުސްވެފައިވާއިރު ސިޑި ބަރިން ވެސް ލިބެން ހުރީ ހާހެއްހާ ޓިކެޓެކެވެ. ދަނޑުގެ ގާތްގަނޑަކަށް 90 އިން ސައްތަ މިހާރު ވެސް ފުރިފައިވާއިރު މެންދުރުފަހުގެ ވަގުތެއްގައި ހުރިހާ ޓިކެޓެއް ހުސްވާނެ ކަމަށް ބެލެވެ އެވެ.
އެފްއޭއެމުން މި ފަހަރު ގޮނޑިބަރީގެ ޓިކެޓެއް ވިއްކާފައިވަނީ ގައުމީ ޖާޒީއާ އެކު 200ރ. އަށް އަދި ވަކިން 100ރ. އަށެވެ. ސިޑިބަރިން ޓިކެޓެއް ވިއްކަނީ 50ރ. އަށެވެ. ގޮނޑިބަރީގެ ޓިކެޓް ހުސްވި ނަމަވެސް ގައުމީ ޓީމުގެ ޖާޒީ އެފްއޭއެމުން 300ރ. އަށް ލިބެން އެބަހުއްޓެވެ.
ގައުމީ ޓީމުން ރާއްޖޭގައި މެޗު ކުޅެން ފެށިތާ 17 އަހަރުވެފައިވާއިރު، މިދިޔަ ދެ އަހަރު ފިޔަވައި އެހެން ހުރިހާ ފަހަރެއްގައި ވެސް ދަނޑު އޮންނަނީ ފުރިބާރުވެފަ އެވެ. މިދިޔަ ދެ އަހަރު ބައެއް މެޗުތަކުގައި ވަން ސަޕޯޓަރުންގެ އަދަދު ނިސްބަތުން މަދުވި އެވެ. އެކަމަކު މިރޭގެ މެޗުގައި އަލުން ކުރީގެ މަންޒަރު ފެންނާނެ އެވެ.
އެފްއޭއެމުން ބުނީ ދަނޑުގައި ޓީމަށް ތަރުހީބު ދިނުމަށް ބައެއް ކުންފުނިތަކާއި ޒުވާން ގްރޫޕްތަކުން ހާއްސަ ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ފަރާތްތަކަށް ދަނޑުން ވަކި ސަރަހައްދެއް ހާއްސަކޮށްދޭނެ ކަމަށެވެ.
ބައެއް ގްރޫޕްތަކުން ބޮޑުބެރު ޖެހުމަށް ތައްޔާރުވަމުން އަންނައިރު ބައެއް ގްރޫޕްތަކުން އަންނަނީ ދިދަ އާއި އެހެނިހެން ތަކެތި ތައްޔާރުކުރަމުންނެވެ.