ބާ އިމްތިހާނު 136 ކެންޑިޑޭޓުންނާ އެކު ބާއްވައިފި
ބާ އިމްތިހާނު 136 ކެންޑިޑޭޓުންނާ އެކު ބާއްވައިފި

މި އަހަރުގެ ބާ އިމްތިހާނު 136 ކެންޑިޑޭޓުންނާ އެކު އިއްޔެ ބާއްވައިފި އެވެ.

މި އަހަރު އިމްތިހާނުގައި ބައިވެރިވި 136 ކެންޑިޑޭޓުންނާ އެކު 2022 ގައި ތައާރަފްކުރި އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބާ އިމްތިހާނުގައި މިހާތަނަށް 641 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

ބާ އިމްތިހާނަކީ ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ގާނޫނީ އިލްމާއި ހުނަރު، އަލަށް ނުކުންނަ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށާއި ފެންވަރު ވަޒަންކުރުމަށް ދޭ، ގާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ 'މިނިމަމް ބެންޗްމާކް' ކަނޑައަޅާ އިމްތިހާނެވެ.

މި އަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއެއް ކަމުގައިވާ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއިން، އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 'މަލްޓިޕްލް-ޗޮއިސް' ސުވާލު ވަނީ ހިމަނާފައިވެ އެވެ.

ބާ އިމްތިހާނުގެ ސިލަބަސް އެކުލަވާލަނީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި، ގާނޫނީ ތައުލީމު އުނގަންނައިދޭ ބޭފުޅުން އަދި ފަނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވައިލެވޭ ބާ އިމްތިހާނުގެ 'ކޮމިޓީ އޮފް އެކްސްޕަޓްސް' އިން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ އިމްތިހާނަށް ކެންޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާ ކައުންސިލުން ކޮންމެ އަހަރަކު ވެސް ރީޑީން ލިސްޓެއް ޝާއިއުކޮށް، އޮރިއެންޓޭޝަން ސެޝަނެއް ބާއްވައި އަދި އިމްތިހާނުގެ ސިލަބަހުގެ ދާއިރާތަކުން ލެކްޗަރުތައް އިންތިޒާމުކުރެ އެވެ. އެގޮތުން މިއަހަރު ވެސް، ބައިވެރިންނަށް ރިކޯޑުކުރެވިފައިވާ ލެކްޗަރުތަކާއި އަލަށް ސިލަބަހަށް އިތުރުކުރެވުނު ބައިތަކުން ލެކްޗަރުތައް ނަގައިދީފައިވެ އެވެ.

މި ލެކްޗަރުތައް އަމާޒުކުރީ، ބާ ކައުންސިލުން ބުނި ގޮތުގައި އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ މެދުގައި ކުރެވުނު ދިރާސާއެއް މެދުވެރިކޮށް ފާހަގަކުރި ދާއިރާތަކަށެވެ. އިމްތިހާނާ ގުޅުވައިގެން އިންތިޒާމުކުރާ ލެކްޗަރުތައް ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މަންފާއަށްޓަކައި ބާ ކައުންސިލުގެ ޔޫ-ޓިޔުބް ޗެނަލުން އަބަދުވެސް ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، ބާ އިމްތިހާނުގެ ސިލަބަހުގައިވާ ހަ ދާއިރާ ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ނަމޫނާ ސުވާލު ކަރުދާހެއް ވެސް ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.