ހޮލީވުޑްގެ ތަރި ޑަޔާން ކީޓަން މަރުވެއްޖެ
ހޮލީވުޑްގެ ތަރި ޑަޔާން ކީޓަން މަރުވެއްޖެ

ހޮލީވުޑްގެ މަޝްހޫރު ތަރި ޑަޔާން ކީޓަން އިއްޔެ މަރުވެއްޖެ އެވެ.

ހޮލީވުޑްގެ ކްލެސިކް ފިލްމު ސީރީޒް "ދަ ގޯޑްފާދާ"ގައި އުޅުނު އަދި 1977 ވަނަ އަހަރު ނުކުތް "އެނީ ހޯލް" އިން އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ އެވޯޑް ވެސް ކާމިޔާބުކޮށްފައިވާ ކީޓަން އުމުރުން 79 އަހަރުގައި މަރުވީ މުސްކުޅި ބަލީގަ އެވެ.

ހޮލީވުޑްގެ 60 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ ކީޓަންއަކީ އޭނާގެ ހެދުން އެޅުމުގެ ސްޓައިލްތަކަށް ވެސް މަޝްހޫރު ތަރިއެކެވެ. އަދި އޭނާގެ ހެދުންތަކާ އެކު އަޅާ އެކި ސްޓައިލްތަކުގެ ތޮފިތަކަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ލިބެ އެވެ.

ކީޓަން ބޮޑަށް މަޝްހޫރުވީ 1970ގެ އަހަރުތަކުގައި އޭނާ ކުޅުނު ފިލްމުތަކުންނެވެ. ހާއްސަކޮށް "ދަ ގޯޑްފާދާ"ގައި އޭނާ ކުޅުނު ކޭ އެޑަމްސްގެ ރޯލު ފާހަގަކޮށްލެވެ އެވެ.

އޭނާއަށް އޮސްކާ އެވޯޑް ލިބުނު "އޭން ހޯލް"ގެ ޑައިރެކްޓަރު ވުޑީ އެލެންއާ އެކު ވެސް ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރި އެވެ. އެލެންގެ 8 ފިލްމެއް ކީޓަން ކުޅެފައިވެ އެވެ.

އޮސްކާގެ އިތުރުން ބާފްޓާ އާއި ގޯލްޑެން ގްލޯބް އެވޯޑް ވެސް އޭނާއަށް ލިބިފައިވެ އެވެ.

ކީޓާންގެ ދެން އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ދަ ފަސްޓް ވައިވްސް ކްލަބް" އާއި "ފާދާ އޮފް ދަ ބްރައިޑް" އާއި "ދަ ފެމެލީ ސްޓޯން" އަދި "ބުކް ކްލަބް" ހިމެނެ އެވެ.

ކީޓަން ދުވަހަކު ވެސް ކައިވެންޏެއް ނުކުރެ އެވެ. އެކަމަކު، އޭނާގެ އެޑަޕްޓުކޮށްގެން ދެ ކުއްޖަކު ބަލައި ބޮޑުކުރި އެވެ.