12 އޮކްޓޯބަރ 2025 - 10:58

ތާނައިގެ ލިޔުމެއް އެންމެ ފުރަތަމަ ފެނުނު ރަށުގެ ގޮތުގައި ބެލެވިފައިވާ ށ. ކަނޑިތީމުގެ މޮނިއުމަންޓު އެކަމަށް ހާއްސަކޮށް އަދި ރަށުގެ ނަމާ ގުޅުވައިގެން ހަދައިފި އެވެ.

ރަށަށް އަރައި ފައިބާ މީހުންނަށް ދައްކާލަން ބަހައްޓާލާ އެއްޗެއްގެ ބަދަލުގައި ކަނޑިތީމުގެ އެ ބިނާ ހަދާފައި ވަނީ ރަށުގެ ތާރީހާ ގުޅޭ ގޮތަށް އަދި ފަންނުވެރިކަން ވެސް ދައްކުވައިދޭ ގޮތަށެވެ.

ރަށުގެ ނަމުގައި "ކަނޑި" ހިމެނޭއިރު މޮނިއުމެންޓުގެ އެއްކޮޅުގައި ފެންނަނީ ބިމަށް ހަރާލާފައިވާ ކަނޑިއެކެވެ. ހުރަހަށް އޮންނަނީ އެ ކަނޑީގެ އުރަ އެވެ. އޭގައި ރަށުގެ ނަމުގެ އަކުރުތައް ކަމަށްވާ "ކނޑތމ" ލިޔެފައި އޮވެ އެވެ.

ކަނޑި ރަމްޒުކޮށްދެނީ ރަށުގެ ނަމެވެ. ތާނަ އަކުރުން ލިޔެފައި އޮތީ "ތާނައިގެ ރަށް" އެވެ.

ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން ވިދާޅުވީ އެ ހިޔާލު އުފަންވީ ރަށުގެ ޒުވާނުން ހުށަހެޅި ހުށަހެޅުމަކުން ކަމަށެވެ.
"ރަށުގައި މޮނިއުމަންޓަކަށް ބަލާނީ ކޮން ކަމެއްތޯ ބެލިއިރު އެންމެ ގިނަ މީހުންނަށް ވިސްނުނީ މި ރަށަކީ އެެންމެ ދުވަސްވީ، ފުރަތަމަ ތާނައިގެ ލިޔުމެއް ފެނުނު ރަށް ކަމަށް ތާރީހީ ފޮތްތަކުން މި ފެންނަނީ. ކަނޑި މި އިންނަނީ ކަނޑިތީމު ކިޔާތީ، ރަށާ ގުޅުވާލާފައި. ބޮޑަށް އެކަމަކު ޕްރޮމޯޓުކޮށްފައި މި އިނީ ތާނައިގެ ރަށް ގޮތަށް. އޭގައި ލިޔެފައި ހުރި ލިޔުންކޮޅު ވެސް އެންމެ ވައްތަރުވާނީ އެ ފެނުނު ލިޔުންކޮޅުގެ ފޮންޓާ،" ފަސް މަސް ދުވަހުން ނިންމި މޮނިއުމަންޓާ ބެހޭ ގޮތުން އަހްސަން ވިދާޅުވި އެވެ.
މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން، ތާނައިގެ އެންމެ ކުރީގެ ލިޔުމެއް ފެނިފައިވަނީ ކަނޑިތީމު ގަބުރުސްތާނުގައި ހުރި ހުކުރު މިސްކިތުންނެވެ. މި މިސްކިތުގެ އުތުރުފަރާތު ދޮރުގެ ދެފަރާތުގެ ފިލާގަނޑުގައި ތާނައިން ކަނޑައި ނަގައި ލިޔެފައިވަނީ "ހާހާވިހިވަނައަހަރުފަށްގެލީކަމުހަދާށް" މިހެންނެވެ. އެއީ ހިޖުރައިން 1020 ވަނަ އަހަރު އެ މިސްކިތުގައި ފަންގި ލުމަށް ފަހު، ޖަހާފައި އޮތް ތާރީހެއް ކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.
"ކަނޑިތީމު-ތާނައިގެ ރަށް" ލިޔެފައިވަނީ މިރަށް ޕްރޮމޯޓް ކުރަނީ އަދި ތައާރަފްކުރަން ބޭނުންވަނީ ވެސް ތާނައަކުރު ފުރަތަމަ ފެނުނު ރަށުގެ ގޮތުގައި ކަމަށް ވާތީ އެވެ. މިއީ "ތާނައިގެ ރަށެއް" ކަން ކަށަވަރުކޮށްދޭ އެހެން ހެކިތައް ވެސް މިރަށުގެ އެހެން ބައެއް ސަރަހަދުތަކުން ފެންނަން އެބަހުއްޓެވެ.
ށ. އަތޮޅު ކައުންސިލްގެ ކޮމިއުނިޓީ ޕްރޮޖެކްޓެއް ކާމިޔާބުކޮށް އެ ރަށު "ބުލޫ ގްލިޑް ފައުންޑޭޝަން" އާއި "ބިނާ ޓީމު" ގުޅިގެން ހަދަންފެށި އެ ބިނާ އެއްކޮށް ނިންމާލިއިރު ރަށުގެ ވިޔަފާރިވެރިންނާއި ރަށުގެ އަމިއްލަ މީހުން ވެސް އެކަމަށް އެހީވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ޖަމިއްޔާ ގްރާންޓް ކިޔާ ގްރާންޓެއް އިންނާނެ އެކި އަތޮޅަށް ދޫކުރާ. ކުރިން 75،000ރ. މިހާރު 100،000ރ. ދޫކުރާނެ. މި ރަށަށް ލިބުނު ގްރާންޓުން ރަށަށް ރަށަށް ރަނގަޅު ކަމެއް، އެހެން ރަށްރަށުގައި ވެސް މިހާރު ހަދާތީ މޮނިއުމަންޓެއް ރަށުގައި ނެތުމުން އަސްލު މި ގޮތަށް ހަދަން ނިންމީ،" އަހުސަން ވިދާޅުވި އެވެ.
ކައުންސިލުން ބުނި ގޮތުގައި މި މޮނިއުމެންޓުގެ ހުރިހާ މަސައްކަތެއް ވެސް ކުރީ ރަށު ޒުވާނުންނެވެ. އެ ހިޔާލު އުފަން ކުރުމުން ފެށިގެން ޑިޒައިން ކުރުމާއި ކުރެހުމާއި މަސައްކަތުގައި ވެސް އުޅުނީ ރަށުގެ ޒުވާނުންނެވެ.