15 ޖޫން 2016 - 11:55

ގިނަ ދުވަސްތަކަކަށް ފަހު މާލެއިން އަނެއްކާ ވެސް ބްލެކް ވިޑޯތަކެއް ފެނިއްޖެ އެވެ.
ބްލެކް ވިޑޯ ފެނުނީ އަދި ޕާކު ސަރަހައްދުން މިއަދު ހެނދުނު އެވެ. އެ ބްލެކް ވިޑޯތައް ފެނުނު ސަރަހައްދުގައި އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މިހާރު އެ ސަރަހައްދު އޮތީ ބަންދު ވެސް ކޮށްފަ އެވެ.
ހުޅުލެ އާއި ހުޅުމާލެއިން ވަރަށް ފަހުން ވެސް ބްލެކް ވިޑޯތަކެއް ވަނީ ފެނިފަ އެވެ. އަދި ހުޅުމާލޭގައި ބްލެކް ވިޑޯ ވިހާ ބިސްތަކެއް ވެސް ފެނިފައި ވެ އެވެ. އެހެން ނަމަވެސް މި ނުރައްކތެރި ފައިދިގު މަކުނުގެ ސަބަބުން އެއްވެސް ނުރައްކތެރި ހާދިސާއެއް އަދި ހިނގައިފައެއް ނުވެ އެވެ.
މާލެއިން އެންމެ ފަހުން ބްލެކް ވިޑޯތަކެއް ފެނިފައި ވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. ބްލެކް ވިޑޯއަކީ އެންމެ ނުރައްކާތެރި ފައިދިގުމަކުނެވެ. އެ މަކުނު މީހެއްގެ ގައިގައި ހަފައިފިނަމަ އެ މީހަކު މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.