12 އޮކްޓޯބަރ 2025 - 09:22

އާލިން ހާލަންޑުގެ ހެޓްރިކާ އެކު އިޒްރޭލް 5-0 އިން ބަލިކޮށް ނޯވޭ އިން ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލިއިރު، އެސްޓޯނިއާ 3-1 އިން ބަލިކޮށް އިޓަލީން ވެސް އުއްމީދު ދަމަހައްޓައިފި އެވެ.
މި ނަތީޖާއާ އެކު ޔޫރަޕުގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި ނޯވޭ އޮތީ 18 ޕޮއިންޓާ އެކު އެވެ. އެއް މެޗު މަދުން ކުޅެފައިވާ އިޓަލީ ދެ ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. އިޒްރޭލް ނުވަ ޕޮއިންޓާ އެކު ތިން ވަނައިގައި އެވެ. އެސްޓޯނިއާ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު، ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ މޯލްޑޮވާ އެވެ.
ވޯލްޑް ކަޕުގެ ސީދާ ޖާގައެއް ލިބޭނީ ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމަކަށެވެ. ދެ ވަނަ ޓީމަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ނޯވޭ އަށް ބާކީ ދެ މެޗުން މޮޅުވެގެން އެއް ވަނަ ކަށަވަރުކުރުމުގެ އަމިއްލަ ބާރު އެބައޮތެވެ. އިޓަލީ އަށް އެއް ވަނަ ލިބެން އޮތީ އެ ޓީމުގެ މެޗުތަކުން މޮޅުވުމުގެ އިތުރުން ނޯވޭގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ރޭގެ މެޗުގެ ކުރިން ނޯވޭގެ ސަޕޯޓަރުން ވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި ނޯވޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑުގައި ފަލަސްތީނު ދިދަ ހިފައިގެން ތިބެ އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. މި މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ނޯވޭ އިން ހަދިޔާކުރާނީ ވެސް ފަލަސްތީނަށެވެ.
އިޒްރޭލާ ދެކޮޅަށް ހާލަންޑް ރޭގެ މެޗުގައި ހެދި ހެޓްރިކާ އެކު އޭނާ މިވަނީ ގައުމީ ޓީމަށް ޖުމްލަ ހަ ހެޓްރިކް ފުރިހަމަކޮށްދީފަ އެވެ. އަދި ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު މިވަނީ 51 އަށް އަރުވައިފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ނޯވޭ އަށް އެ އަދަދަށް އެންމެ އަވަހަށް ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.
ރޭ ރަށުން ބޭރުގައި އެސްޓޯނިއާއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި ގޯލް ޖަހައިދިނީ މޮއިސޭ ކީން އާއި، މަޓެއޯ ރެޓެގީ އަދި، ޒުވާން ފޯވާޑް ފްރެންސެސްކޯ ޕިއޯ އެސްޕޯސިޓޯ އެވެ. އެސްޓޯނިއާގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ޖެހީ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަަގަ އެވެ.