ޣައްޒާ ސަމިޓަށް ވަޑައިގަތް ގަތަރުގެ ތިން ބޭފުޅަކު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ
ޣައްޒާ ސަމިޓަށް ވަޑައިގަތް ގަތަރުގެ ތިން ބޭފުޅަކު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ

ޣައްޒާއަށް ދާއިމީ ސުލްހައެއް ގެނައުމާ ގުޅޭ ގޮތުން މިސްރުގެ ޝަރްމުއް ޝެއިޚްގައި މާދަމާ ފަށާ ބައިނަލްއަގުވާމީ ސަމިޓަށް ވަޑައިގެންނެވި ގަތަރުގެ ތިން ޑިޕްލޮމެޓަކު ކާރު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެ ކަމަށް މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ގަތަރުގެ ވަފުދު ގޮވައިގެން ދިޔަ ކާރު ދެކުނު ސައިނާއީގައި އެކްސިޑެންޓުވުމުގެ ސަބަބުން އިތުރު ދެ ޑިޕްލޮމެޓަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

ގާހިރާ ނިއުސް އިން ބުނި ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ގަތަރުގެ ފަސް ބޭފުޅަކު ތިއްބެވި އެވެ. ވެހިކަލް ދުއްވަން އިނީ މިސްރު މީހެއް ކަމަށާއި އެކްސިޑެންޓުވީ ހުންގާނުގެ ކޮންޓްރޯލް ގެއްލިގެން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

އަވަހާރަވި ބޭފުޅުންނާއި ޒަހަމްވެފައިވާ ބޭފުޅުން ގަތަރުގެ މަތިންދާބޯޓެއްގައި ގައުމަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މިސްރުގެ ރައީސް އަބްދުއްފައްތާހް އަލް ސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ސަމިޓުގައި ވިއްސަކަށް ގައުމުގެ ބައިވެރިވުމާ އެކު މި ފަށަނީ ޣައްޒާގައި ދެ އަހަރު ވަންދެން އިޒްރޭލުން ދިން ހަމަލާތައް މެދުކަނޑާލައި އިޒްރޭލުގެ އަސީރުންނާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ތައްޔާރުވަމުންދާ ވަގުތު އެވެ. ހަމާސްއިން ވަނީ ސަމިޓުގެ ކުރިން ހުރިހާ އަސީރުން މިނިވަންކުރާނެ ކަމަށް ބުނެފަ އެވެ.

ޣައްޒާ ސަމިޓުގެ މަގްސަދަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް، މުޅި މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމާއި ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ހޯދުމެވެ.