11 އޮކްޓޯބަރ 2025 - 23:54

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށި 10 ވަނަ އެއާލައިނަކަށް މެލޭޝިއާ އެއާލައިންސް މިއަދު ވެއްޖެ އެވެ.

ޓާމިނަލް 1 އިން އެ އެއާލައިންގެ ހިދުމަތް ދޭން ފެށުމަށް ވީއައިއޭގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. މެލޭޝިއާ އެއާލައިންސްގެ މާލޭގެ ސްޓޭޝަން ހެޑް އަހުމަދު ހަނަމް ފާއިޒާއި އެމްއޭސީއެލް އާއި އެ އެއާލައިންގެ އިސްވެރިންނާއި އޮފިޝަލުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 170 ފަސިންޖަރުންނަށް މިއަދު ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި މެލޭޝިއާ އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު MH485 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް ދީ, އެ ފްލައިޓުން ރާއްޖެ އައި 172 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
- މޯލްޑިވިއަން އެއާލައިން
- އެއާ އަރަބިއާ
- ބިއޯންޑް
- ފިޓްސް އެއާ
- ބެއިޖިންގް ކެޕިޓަލް އެއާލައިންސް
- ބަޓިކް އެއާ
- ބެންކޮކް އެއާވޭސް
- އިންޑިގޯ
- ގަލްފް އެއާ
- މެލޭޝިއާ އެއާލައިންސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ބޭނުންކުރަން ފެށީ މިދިޔަ ޖުލައި 26 ގަ އެވެ. އެ ތަނަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.