12 އޮކްޓޯބަރ 2025 - 06:16

(ބުދަ ދުވަހާ ގުޅޭ)
"އަމިއްލައަށް ތި ބޭޒާރުވީ!" އަންޖަލް ތެދުވަމުން ބުންޏެވެ. "ތީ ރާއިފެއް ނޫން. ބަތޫރު. އަހަންނަށް އެނގިއްޖޭ!"
ރާއިފު ދެކޮޅު ހޯދައި ބަލައިލިއެވެ. ކައިރި ހިސާބެއްގައި މީހަކު ނެތުމުން އަންޖަލްގެ އަތުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. އަންޖަލް އަތްފޮޅުވައިލާފައި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ރާއިފު ހީވަނީ ހުން އައިސްފައި ހުރި ހެންނެވެ. އޭނަގެ އަތް ވަރަށް ހޫނެވެ.
"ބަކުރޭ؟ އެއީ ކާކު؟" ސުވާލު ކުރަމުން ރާއިފު މަޑުމަޑުން އަންޖަލް ގާތަށް ޖެހިލިއެވެ. "އަހަރެން ދެކެ ބިރު ގަންނަނީތަ؟ ކީއްވެ ތިހެން ތި ބަލަނީ؟ މީ ރާއިފެއް ނޫނޭ؟ ދެން ކާކު މީ؟"
އަންޖަލްއަށް ހީވަނީ ރާއިފުގެ ގައިން ހޫނު ބޭރުވާ ހެންނެވެ. ކުރިން އެހެނެއް ނުވެއެވެ.
"ކީއްވެ ރާއިފު އެހާ ހޫނީ؟" އަންޖަލް އެހިއެވެ.
"އަހަރެން ހޫނީތާ ނޫނީ އަންޖޫ ފިނީތާ؟" ރާއިފު އެހިއެވެ. "ތި އަތް ހީވަނީ ގަނޑުފެންކޮޅެއްހެން."
އަންޖަލްއަކަށް އެހެނެއް ހިޔެއް ނުވެއެވެ. ބަތޫރު ކައިރިން ރާއިފުއަށް ސަލާމަތް ވެވޭނެ ހެނެއް ވެސް ހިއެއް ނުވެއެވެ. އަންޖަލް ވިސްނީ، ގާތުގައި އިން މީހަކީ ރާއިފު ނޫން ކަން ސާބިތު ކުރާނެ ގޮތެކެވެ.
"ތީ އަސްލު ރާއިފެއް ނޫން ދޯ؟" އަންޖަލް ބުންޏެވެ. "އަސްލު ކީއްކުރަން ތި އުޅެނީ؟ ކޮބާ ރާއިފު؟"
"ކިހާ ދެރަ ކަމެއް؟" ރާއިފު ހައިރާންވެފައި ބުންޏެވެ. "އަންޖޫ ކީކޭ ތި ކިޔަނީ؟ ތީ އަންޖޫތަ؟ އަހަންނަށް މިހާރު ޝައްކު ވެއްޖެ! ތީ ކުރިން އަންޖޫ އުޅޭ ގޮތެއް ނޫނެއްނު!"
"ކީއްވެ އެއްޗެއް ނުކައި ތި އިންނަނީ؟ މި ކާލަބަލަ!" އަންޖަލް ސަމުސަމުން ކަސްޓަޑުކޮޅެއް ނަގައި ދިއްކޮށްލަމުން ބުންޏެވެ. "އޭރުން ޔަގީން ވާނެ ތީ ރާއިފުކަން."
އަންޖަލްގެ އަތުގައި ރާއިފު މަޑުމަޑުން ހިފެހެއްޓިއެވެ. އިންސީންނާއި ޖިންނީ ކަނީ އެކައްޗެއް ނޫނެވެ. ޖިންނިއަކަށް އެތައް ކަމެއް އިންސާނަކާ އެއްގޮތަށް ކުރެވުނު ނަމަވެސް، ކެއުން އެއީ އިސްތިސްނާއެކެވެ. އެ ފަހަރު ރާއިފު އެއްވެސް ބަހަނާއެއް ނުދައްކައެވެ. އަންޖަލް ފުންމައިގެން ތެދުވިއެވެ. ހަދަންވީ ގޮތް އަންޖަލްއަށް ވިސްނުނީއެވެ.
"ހިނގާބަލަ!" އަންޖަލް އެދުނެވެ.
"ކޮން ތާކަށް؟" ރާއިފު ތެދުވަމުން ބުންޏެވެ.
"އަހަންނާ އެއްކޮށް ހިނގާބަލަ!" އަންޖަލް ބުންޏެވެ.
އަންޖަލް ހިނގައިގަތުމުން ރާއިފު ވެސް ހިނގައިގަތެވެ. އެ ވަގުތު، ކަނީރުގަހުގައި އޮތް ބޮކިފަތި ނިވިދިއްލިލައިފައި، ބަޑިއެއް ޖެހިއެވެ. ލޮނުޒިޔާރަތްޕާކުގެ ވަކި ހިސާބަކުން ކަރަންޓު ދިޔައެވެ. މުޅި ތާކުން ނުދެއެވެ. ރާއިފު އުޅުނީ ކަނީރުގަހާ ދިމާއަށް ދާށެވެ. ހީވި ކަހަލައެވެ. ބޭޒާރުން އޭނަ ސަލާމަތް ވާން އޮތް ހަމަ އެކަނި މަގަކީ އެއީއެވެ. އަންޖަލް ހުރީ އެ ވަރު ވިސްނައިގެންނެވެ.
"ތި ކޮޅަކަށް ނޫން ދާންވީ،" ރާއިފު އަތުގައި ހިފާފައި އަންޖަލް ބުންޏެވެ. "ހިނގާބަލަ އަހަންނާ އެއްކޮށް!"
އެ ފަހަރު ރާއިފުގެ އަތް ހޫނެއް ނޫނެވެ. ރާއިފު ގޮވައިގެން އަންޖަލް ދިޔައީ، ފޮޓޯ ނަގަން ހުއްޓެން ހަދާފައިވާ ތަނަށެވެ. އޭރު މީހަކު ފޮޓޯ ނަގަން ތައްޔާރު ވެގެން ހުއްޓެވެ. އެ މީހާ ފޮޓޯ ނެގުމުން ރާއިފު ގޮވައިގެން އަންޖަލް ގޮސް، ކައިވެނި ކުރި ދެމަފިރިން ގާތުގައި ހުއްޓުނެވެ. ރާއިފު ނުހުންނާކަށް ނޫޅެއެވެ. ފާޑެއްގެ ހިންޏެއް އައިސްފައި ހުރީ އެވެ. އެއް ފޮޓޯނެގުމުން އަންޖަލް އެދިގެން ދެވަނަ ފޮޓޯއެއް ވެސް ނެގިއެވެ.
"ފޮޓޯ ދައްކާލައްޗޭ!" އަންޖަލް އެދުނެވެ.
ފޮޓޯ ނެގިމީހާ އައިސް އަންޖަލްއަށް ފޮޓޯ ދައްކައިލިއެވެ. ހަތަރު މީހުން ހަމައަށް ތިއްބެވެ. ދެން ވެސް އަންޖަލްއަކަށް ގަބޫލެއް ނުކުރެވުނެވެ. އަންޖަލް ހިތަށް އެރިއެވެ. އަތީލާ ގެނެސްފައި އޭނަ ގާތުގައި އަހާނީއެވެ. އަންޖަލްއަށް ނޭނގޭ ކަންކަން އަތީލާއަށް އެނގޭނެއެވެ. ރާއިފު އަތުގައި ހިފައިގެން އަންޖަލް ހިނގައިގަތެވެ.
ޕާކުގެ ވީހައި ވެސް އަނދިރި ހިސާބަކަށް ދިޔުމުގެ ބޭނުމުގައެވެ.
"ކޮން ތާކަށް މި ދަނީ؟" ހަފުލާއިން ނުކުމެވުމުން ރާއިފު އެހިއެވެ.
އަންޖަލް އެއްޗެއް ނުބުނެ ދާން ފެށުމުން ރާއިފު ހުއްޓުނެވެ.
"މިރޭ އަންޖޫ ތި އުޅެނީ އާ ފާޑަކަށް،" ރާއިފު ބުންޏެވެ. "މަޑުކުރެވެން އޮތް ނަމަ އަހަރެން މަޑުކުރީމުސް. އެކަމަކު ދެން ނެތް މަޑުކުރެވޭކަށް. ދަނީ! ފޯނެއް ގަނެފަ ގުޅާނަން."
ރާއިފު އެ ހިސާބުން ވަކިވީއެވެ. އެކަމަކު އޭނަ ދިޔައީ، ޕާކުގެ ނުކުންނަ ދޮރު ހުރި ދިމާއަކަށް ނޫނެވެ. އެ ކަމާ ވެސް އަންޖަލް ހައިރާންވިއެވެ.
ގަޑިން ރޭގަނޑު އެގާރަ ޖެހި އިރު ވެސް އަންޖަލްގެ ލޯ ނިންޖާ ރައްޓެހިވާ ގޮތެއް ނުވިއެވެ. ވިސްނަން އޮވެވުނީއެވެ.
"ކޯޗެއް ތި ވިސްނަނީ؟" ރާއިފުގެ އަޑުއިވުނެވެ.
އެ އަޑު އިވުމުން އަންޖަލް އުފާވެއެވެ. ހިތްހަމަޖެހެއެވެ. އެއީ އަންޖަލްގެ ސިކުނޑީގައި އެނބުރޭ، އެހެން މީހުންނަށް ނީވޭ އަޑެއްކަން އަންޖަލްއަށް އެނގެއެވެ. އަންޖަލް ހީކުރީ އެއީ، ވަކި ވަރަކަށް ވުރެ ބޮޑަށް މީހެއް ދެކެ ލޯބި ވެވުމުން ވާ ގޮތެއްކަމަށެވެ. އެނދުގައި އޮވެފައި މާމައަށް އަންޖަލް ގުޅިއެވެ. ރާއިފު މަންމަގެ ފޯނު ނަންބަރު ހޯދުމުގެ ބޭނުމުގައެވެ. މާމަ ބުނި ގޮތުގައި މާމަ އަތުގައި ރުގިއްޔާގެ ނަންބަރު އޮންނަން ޖެހޭނެއެވެ. އެހެނަސް ނެތެވެ.
"ތި އުޅެނީ އަހަންނާ ވާހަކަ ދައްކާ ހިތުންތަ؟" ރާއިފު ސުވާލުކުރިއެވެ.
"އާނ!" އަންޖަލް ހިތާހިތުން ބުންޏެވެ. "ވަރަށް ބައިވަރު ވާހަކަ ދައްކަން ބޭނުން. އާދެބަލަ!"
"ކިހާ ކައިރިއަކަށް އަންނަންވީ؟" ރާއިފު ސުވާލުކުރިއެވެ. "ހިތުގަ ބޮނދާ މި އޮތީ!"
ހިޔާލަށް މީހަކު ގެނެސްގެން ވާހަކަ ދެއްކުމުން އޭނަ ޖަވާބު ދޭހެން ހީވާނެއެވެ. އެއީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. އަޑުއިވޭ އިރު ހީވާނީ ކަންފަތް ކައިރީގައި ބުނެލާ ހެންނެވެ.
"އަތީލާ!" އަންޖަލް ހިތުން ގޮވައިލިއެވެ.
ގޮވައިލި ކޮންމެ ވަގުތަކު އަންނާނެ ކަމަށް އަތީލާ ބުނެފައިވެއެވެ. އެ ކަން ވަމުން އައީ ވެސް އެހެންނެވެ. އެހެނަސް، އެ ރެޔަކު އަތީލާއެއް ނައެވެ. އަންޖަލް ހިތަށް އެރިއެވެ. އެހެނެއް ނުވާނެއެވެ. އެ ކޮޓަރީގައި އަތީލާ ހުންނާނެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ ވާހަކަ ނުދައްކަނީއެވެ.
"ވާހަކަ ދައްކަބަލަ!" އަންޖަލް ތަންކޮޅެއް ބާރަށް ބުންޏެވެ. "އަހަންނަށް އެނގޭ އަތީލާ މި ތާ ހުންނާނެކަން."
މުހުސިނާ ދޮރުގައި ޓަކި ޖަހައިލިއެވެ. ކޮޓަރިއަށް ވަނެވެ. އަންޖަލް ވާހަކަ ދައްކާ އަޑު އިވުނީ ނިޒާރުއަށެވެ. މުހުސިނާ ވަނީ ނިޒާރުގެ އެދުމަކަށެވެ. ކަމެއް ވީ ކަމަށް ވެސް ނަހަދައި މުހުސިނާ އައިސް އެނދުގައި އިށީނެވެ. އަންޖަލްގެ ފައިގައި ފިރުމައިލިއެވެ.
"ކީއްކުރަން ރުގިއްޔާގެ ނަންބަރު ހޯދަނީ؟" މުހުސިނާ އެހިއެވެ.
"އޭނަ ދެރަވެގެން އުޅުނީމަ.." އަންޖަލް ބުންޏެވެ.
"އަޅެ އަހަރެން ދެކެ ލޯބިވާތީއޭ ބުނެލިއްޔާ ކީއްތަ ވާނީ؟" ރާއިފުގެ އަޑުއިވުނެވެ.
"އެހެންތަ؟" ލާނެތް ހިންޏެއް އައިސްފައި، ފޯނު ނަގަމުން މުހުސިނާ ބުންޏެވެ. "ހާދަ ރަނގަޅު ކުއްޖެކޭ! ނަންބަރު ލިބިއްޖެ! ނޯޓު ކުރޭ!"
އަންޖަލް ނަންބަރު ނޯޓު ކުރިއެވެ.
"ބުނެބަލަ އަހަރެން ބުންޏޭ އަންޖަލްއާ އިންނަން ބޭނުމޭ!" ރާއިފު ބުންޏެވެ.
"ރުގިއްޔާގެ ދަރިފުޅު ފެނުނީމަ މިހާރު ވަރަށް ހަމަޖެހިފަ ހުރީ،" މުހުސިނާ ބުންޏެވެ. "ދަރިފުޅު ރާއިފުއާ ރައްޓެހިތަ؟ އެއީ ވަރަށް ބަސްއަހާ ކުއްޖެކޭ! މާމައަށް ވަރަށް ކަމުދޭ!"
"ކޮބާ ހީވޭ؟" ރާއިފު ބުންޏެވެ. "މާމައަށް ވެސް އެ ކަމުދިޔައީ!"
އަންޖަލް ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.
"ކިހިނެއްވީ؟" ހައިރާން ވެފައި މުހުސިނާ އެހިއެވެ.
"ކަމެއް ނުވޭ މާމާ!" އަންޖަލް ބުންޏެވެ. "އެއީ އަހަރެންގެ ރައްޓެއްސެކޭ!"
"މާމަޔާ ކާފަ ވެސް ބޭނުމޭ ރައްޓެހިވާން،" މުހުސިނާ ބުންޏެވެ. "ބުނޭ ހުކުރު ދުވަހު ކާން މި ގެއަށް އަންނާށޭ! ރިސޯޓުގަ އުޅޭ އިރު ކުރީބައިގަ ޖެހޭނެ ހަމަޖައްސަން."
ވާހަކަ ދައްކަން އިރުކޮޅަކު މުހުސިނާ އިނެވެ. ގިނައިން ދެއްކީ އަންޖަލް މަންމަ ސަމްރަތުގެ ވާހަކައެވެ. ސަމްރަތުގެ ރަނގަޅު ކަމާއި ބަސްއަހާ ކަމާއި މަޑުމައިތިރިކަމުގެ ވާހަކައެވެ. ބަލިވި ވާހަކަ އާއި ސަމްރަތު ދޫކޮށްލާފައި އަނިލް ދިޔަ ވާހަކަ ވެސް ދެއްކިއެވެ.
އަންޖަލްގެ ކޮޓަރިން މުހުސިނާ ނުކުތް އިރު، ބޮޑު ކޮޓަރީ ސޯފާގައި ނިޒާރު އިނެވެ. މުހުސިނާގެ އިންތިޒާރުގައެވެ.
"ރާއިފަކީ ރައްޓެއްސެކޯ ބުނީ،" ސޯފާގައި އިށީންނަމުން މުހުސިނާ ބުންޏެވެ. "ބުނެފިން އޭނަ ކާން ގެންނާށޭ!"
އެ ހިސާބުން މުހުސިނާ ފެންކަޅިވިއެވެ. އަމިއްލަ ދަރިފުޅަށް ކަންތައް ދިމާވި ގޮތް މުހުސިނާ ހަނދާނެއް ނުނެތެއެވެ. ހަމަ އެ މަގުން އަންޖަލް ހިނގައިދާނެހެން މުހުސިނާއަށް ވަރަށް ހީވެއެވެ.
"މާދަމާ ވެސް އަހަރުމެން ނުތިބެދާނެ،" މުހުސިނާ ބުންޏެވެ. "ކާކު އަންޖޫ ބަލާނީ؟ ރުގިއްޔާގެ ދަރިފުޅު ގޯހެއް ނުވާނެ. އެކަމަކު މޮޔަކުއްޖަކާ..."
"ތިހެން ނުބުނެބަލަ މުހުސިނާ،" ނިޒާރު ބުންޏެވެ. "އަންޖޫއަކީ މޮޔަކުއްޖެއް ނޫނޭ!"
"ދެން ކީކޭ ބުނަންވީ؟" މުހުސިނާ ސުވާލު ކުރިއެވެ.
އެ ސުވާލަށް ދޭނެ ޖަވާބެއް ނިޒާރުއަކަށް ނޭނގުނެވެ. ރުގިއްޔާ ވެސް އުޅެމުން ދިޔައީ ނޭނގުމެއްގެ ތެރޭގައެވެ. ފަޅުރަށަށް ކުރި ދަތުރަށް ފަހު ރާއިފުގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ކާ ތަނެއް ހަމަ އެއްގޮތަކަށް ވެސް ނުފެނެއެވެ. ވާހަކަ ދެއްކުން މަދުވެއްޖެއެވެ. އެހެންޏާ، ރިޒޯޓުގައި އުޅޭ އިރު ވަރަށް ގިނައިން ރުގިއްޔާއަށް ގުޅައެވެ.
ރާއިފުގެ އެކުވެރިންނަށް ވެސް އެތައް ކަމެއް ފާހަގަކުރެވުނެވެ. އާންމު މުވައްޒަފުންނަށް ހުންނަނީ ކޮންމެ ހަތަރު މީހަކަށް ކޮޓަރިއެކެވެ. ކޮންމެ އެނދެއް ހުންނަނީ ދެބަރިއަށެވެ. ރާއިފު މަތީ އެނދުގައި ނިދާ އިރު، ތިރީގައި އޮންނަނީ ޒަހީންއެވެ. ތިން މީހުން ނިދާ އިރު ވެސް ރާއިފު ކޮޓަރިއަކަށް ނާދެއެވެ. ޑިއުޓީ ނިމުމާ އެކު ރާއިފު ގެއްލެނީއެވެ. ނިދަން އަންނަނީ ދަންވަރުއެވެ. އެންމެނަށް ވުރެ ކުރީން ހޭލައެވެ. ރާއިފުގެ ހުރިހައި ކަމެއް އިންތިހާއަށް ތަރުތީބުވެއްޖެއެވެ. ކަނީ ތިން އިރުއެވެ. ހަވީރަކު އެއްޗެއް ނުކައެވެ.
ރިޒޯޓުގައި ހެނދުނާއި މެންދުރާއި ރޭގަނޑު ވެސް ކުކުޅުރިހަ ނުވަތަ މަސްރިހަ ހުރެއެވެ. ފިހުނުމަސް ނުވަތަ ތެއްލިމަސް ހުރެއެވެ. ރާއިފު ތަށްޓަށް އަޅަނީ މަސް އެކަންޏެވެ. ކާން އިށީންނަނީ އެހެން މީހުންނާ ވީހައި ވެސް ދުރެއްގައެވެ. ވީހައި ވެސް ގިނަ ބަޔަކަށް ފުރަގަސްދީގެން އިންދެވޭތޯ ވެސް ބަލައެވެ. އެހެނަސް، ޒަހީން ފާރަލައެވެ. ރާއިފު އިށީނދެފައި މަސްތަކުން ކަށިތައް ވަކިކޮށްލާފައި، ކަނީ ކަށްޓެވެ. ބައެއް ރޭރޭ ޑިއުޓީ ނިންމާލައިފައި، ކޮޓަރިއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ރާއިފު ދުވަންދެއެވެ. އެ ގޮތަށް ދާ ރެޔަކު ނިދާކަށް ނާދެއެވެ. ރާއިފު ދާ ތަނެއް، ކުރާ ކަމެއް ނޭނގެއެވެ. ޒަހީންއަށް އެ ކަންތައް ވެސް ވަރަށް ބޮޑުވިއެވެ.
ވަރަށް ބޯކޮށް ވާރޭވެހުނު ރެއެކެވެ. ރާއިފު ކޮޓަރިއަށް އައިސްފައި، ދުވަންލާ އެއްޗެހި ލައިގެން ނުކުތެވެ. ޒަހީން ހުރީ ދުރާލައި ތައްޔާރު ވެގެންނެވެ. ރާއިފު ދުއްވައިގަތް ދިމާއަށް ޒަހީން ވެސް ދުއްވައިގަތެވެ. (ނުނިމޭ)