11 އޮކްޓޯބަރ 2025 - 22:09

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ފޭދޫ، ހުޅުދޫ އަދި މީދޫ ވަކިކޮށް އެ ރަށްތަކަށް ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓުގައި އެ ސިޓީގެ މެންބަރުން މައްސުނި ހިޔާލުތަކެއް ފާޅުކުރައްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދަށުން، އެ ސިޓީގައި ވަކިން އޮންނަ ތިން ރަށް ވަކިކޮށް، ވަކި ކައުންސިލްތަކެއް ހެދުމާ މެދު އެ ތިން ރަށު މީހުންނަށް ފެންނަ ގޮތެއް ބެލުމަށް މި މަހުގެ 25 ވަނަ ދުވަހު ވޯޓު ނަގަން ތައްޔާރުވެފައި ވާއިރު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ އެ ރަށްތައް ވަކިކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލައްވައިފަ އެވެ.
އަލަށް އަމަލުކުރަން ފެށި ރިފަރެންޑްރަމް ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓާ ގުޅޭ ގޮތުން އަޒާން ސޯޝަލް މީޑިއާގައި ލިޔުއްވާފައިވާ ގޮތުގައި ސިޔާސީ މައިދާނުގައި، އައްޑުއަށް ނިސްބަތްވާ ސިޔާސީ މީހުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެެރިކަމަކީ، މާލެ ފިޔަވައި ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީ، އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި ވަކި ކައުންސިލް ހަދައި މިހާރު އޮތް ސިޓީ ކައުންސިލުން ވަކިވުމަކީ އެ ބާރުވެރިކަން އަތުން ދޫވެ، ސިޔާސީ ގޮތުން އައްޑުއަށް ނިސްބަތްވާ މީހުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެކެވެ.
"ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ކުރަނީ ހިތަދޫ ކަމަށް ވާތީ އިދާރީ އިންތިޒާމުތައް ގާއިމްވެފައި ހުރިގޮތުން އެހެން އަވަށްތަކުގެ މީހުންނަށް ދަތިތަކާއި ކަންބޮޑުވުންތަކާ ކުރިމަތިވާނެ ކަމީ ހަގީގަތެއް،" ރަށު ބަހުރުވައިން ކުރެއްވި ޕޯސްޓުގައި އަޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކަންބޮޑުވުންތައް ހުރި ނަމަވެސް އައްޑޫ އެކަތިގަނޑަކަށް ވެ، ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމްތައް ރާވާފައި ހުރި ގޮތްތަކަށް ބަދަލުތަކެއް ގެނެސް ހައްލު ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަށް މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ މި މަހުގެ 25 ވަނަ ދުވަހު ނަގާ ވޯޓުގައި ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުން ވެސް އައްޑޫ ވަކި ކައުންސިލްތައް ހަދަން ނުފެންނަ ކަމަށް ވޯޓު ދިނުން،"
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއިދުކުރައްވައިފަ އެވެ. ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ ކައުންސިލްތައް ވަކިކުރުމުން ލިބޭނެ ފައިދާތައް ބަޔާންކުރައްވައިފަ އެވެ.
އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހުމާން ވެސް ވަނީ އެކަމަށް ތާއިދުކުރައްވައިފަ އެވެ.
ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓުގައި ސިފަކުރެއްވީ މީދޫއަކީ ބެލެނިވެރިއަކު ނުފެނިގެން އުޅޭ، ޔަތީމު ބައެއްގެ ގޮތުގަ އެވެ.
"އެއްވެސް މީހަކު އަހަރެމެން ބަލާ ހިތުން އުޅޭނެ ކަމެއް ނެތް. އަހަރެމެންނާ އެހެން ބަޔަކު ހަވާލުކުރަން އުޅޭނެ ކަމެއް ވެސް ނެތް. އަހަރެމެންނަށް އަހަރެމެންގެ ހާލައިގެން މާ ރީއްޗަށް އުޅެވޭނެ،" މިދިޔަ އަންގާރަ ދުވަހުގެ ރޭ އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ނިންމެވީ އެ ސިޓީގެ ބައެއް މީހުންގެ ފަރާތުން އެ މައްސަލަ ލިބިވަޑައިގެންފައިވާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސްވެ، މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލާނެ އެވެ. އެ ޓީމުގެ ދަށުން "އައްޑޫގެ ކޮންޓެކްސްޓް" އެނގޭ މީހުންގެ ފަންނީ ޓީމެއް އެކުލަވާލައިގެން އައްޑޫގެ ރަށްރަށުގެ އިހުތިސާސާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.