11 އޮކްޓޯބަރ 2025 - 17:29

އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް ނުވާތީ، އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ތަޅުދަނޑި ދޫކުރަން ފެށިތާ އަދި ދެ ހަފުތާވީއިރު، ބައެއް ފްލެޓުތައް ބޮޑު އަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރަން އިޝްތިހާރު ޖަހާފައިވާ މައްސަލަ އިއްޔެ ވަނީ ފެންމަތިވެފަ އެވެ.
އެ ކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ، އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި އެ ތަންތަން ދީފައިވާ ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެ ފްލެޓުތައް ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ވީހާ ވެސް އަވަހަކަށް ފެށުމަށް މި މިނިސްޓްރީން މި އަންނަނީ މަސައްކަތް ކުރަމުންނެވެ،" މިނިސްޓަރު އެކްސްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކަކީ ރައްޔިތުންގެ ފައިސާ އިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށް ވާތީ، ބޮޑެތި އަގުތަކުގައި އެ ފްލެޓުތައް ކުއްޔަށް ދީ، އެއްބަސްވުމުގައި ސޮއިކުރި މީހާ ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް އަދި އެހެން ބޭނުމަކަށް ވިޔަސް ބޭނުން ކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު މުއްތަލިބު ވަނީ ގެދޮރުވެރިޔާ ފްލެޓުތައް ދޫކޮށްފައިވާ މީހުންނާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތިން ވަނަ ފަރާތަކަށް އެ ފްލެޓުތައް ކުއްޔަށް ނުދެވޭނެކަން ބަޔާންކުރާ މާއްދާތައް ވެސް އާންމު ކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ނަމަ އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ފްލެޓު ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި އެހެން ފަރާތަކަށް ފްލެޓު ކުއްޔަށް ދިން ކަމަށް ބުނެ އެފްޑީސީ އަށް ޝަކުވާއެއް ލިބިއްޖެ ނަމަ އެ ޝަކުވާއެއް ބެލުމާއި ފިޔަވަޅު އެޅުމުގެ އިހުތިޔާރު ވެސް އެ ކުންފުންޏަށް ލިބިގެންވެ އެވެ.
އެފްޑީސީން ވެސް މިއަދު ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "އެކްސް" ގައި މިއަދު ވިދާޅުވީ، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އެ ފްލެޓުތައް ދޫކުރަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަން ދީގެން ކަމަށެވެ.
"އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލެވޭނެ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ނުވަތަ ފަހި ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް ފޮޓޯއާ އެކު މިހާރު ވަނީ ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.
ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާން ކޮށްފައިވާއިރު، އެ ތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި ވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.
އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.