ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމަށް ކުރި ދެވަނަ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފުލުހުންނަށް ހުރަސް އެޅިކަމުގެ ފުރަތަމަ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ، މިދިއަ ޖެނުއަރީ މަހު 28،000ރ. އިން ޖޫރިމަނާ ކުރި އެވެ.

ވިސާމާ ދެކޮޅަށް ދެން އުފުލީ މާޗް، 2015 ގައި ކުރި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތް ކަމަށް ބުނެ ކުރި ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.

ވިސާމް ޖޫރިމަނާކޮށް، ކުރިން ހުކުމްކުރީ އޮކްޓޫބަރު، 2015 ގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް ހައްޔަރު ކުރަން އުޅުނު ފުލުހުންނަށް ހުރަސް އެޅިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި އެތަނުގެ އެހެން ނޫސްވެރިއެއް ކަމަށްވާ ލީވާން ނަސީރު ވެސް ކުށްވެރިވެ، ޖޫރިމަނާކުރި އެވެ.

ފުލުހުން ބަންދުކުރި ސަރަހައްދަށް ވަތް ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ ވަނީ 3،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.

ފުލުހެއްގެ ގައިގައި ޖެހި ކަމަށް ބުނެ ފިޔާޒުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލަ މިހާރު އޮތީ ނިމުމަކާ ގާތުގަ އެވެ.