12 އޮކްޓޯބަރ 2025 - 10:35

ބޮބީ ޑިއޯލްގެ ދެ ފިރިހެން ދަރިން ބޮލީވުޑަށް ނުކުންނަން ތައްޔާރު ކަމަށް އޭނާ ބުނެފި އެވެ.
ހިންދުސްތާން ޓައިމްސް ނޫހުގެ "ދަ ރައިޓް އޭންގަލް" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ބޮބީ ބުނީ އޭނާގެ ދެ ފިރިހެން ކުދިން ކަމަށްވާ އަރިޔަމަން ޑިއޯލް، 24، އާއި ދަރަމް ޑިއޯލް، 20، ވެސް ބޭނުންވަނީ އެކްޓަރަކަށް ވާން ކަމަށެވެ.
ބޮބީ ބުނީ އެ ދެ ކުދިންނަށް މީހުން ތައުރީފުކުރުމުން އުފާކުރި ނަމަވެސް، އެއީ އޭނާގެ ކުދިންނަށް ވީތީ މީހުން އެ ކުދިންނަށް ކުރާ އުއްމީދު މާ ބޮޑުވެދާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. އެ ކުދިން އެކްޓަރުންނަށް ވާން ބޭނުންވިޔަސް، އަދިވެސް ގެންގުޅެނީ ދާއިރާއާ ތަންކޮޅެއް ދުރުން ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ހަގު ދަރިފުޅު ކުޑަކޮށް ލަދުރަކިވާނެ. އެކަމަކު ދޮށީ ދަރިފުޅު ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ،" ބޮބީ ބުންޏެވެ.
"އެއްވެސް ކަމެއް އެއް ދުވަހަކުން ކާމިޔާބު ނުވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ. އެ ކުދިން ގާތު އަބަދުވެސް ކިޔަން އަހަރެން އަހަރެންގެ ކެރިއަރު ދެމެހެއްޓި ގޮތް. ބޮލީވުޑްގެ އިންސައިޑާއަކަށް ވިޔަސް، ބައެއް ފަހަރު ހުރިހާ ކަމެއް ފަސޭހައެއް ނުވާނެ."
ބޮބީ ބުނީ މި ދާއިރާގައި ކުރިއަށް ދާން އެ ކުދިން ވަރަށް ހިތްމަތާ އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބެލުންތެރިންގެ ލޯތްބާއި ހިތްވަރު އެ ކުދިންނަށް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.
އެތައް ނާކާމިޔާބީއަކަށް ފަހު ބޮބީއަކީ މިހާރު ބޮލީވުޑްގައި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ މިފަހުން ކުޅުނު ފިލްމުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ހާއްސަކޮށް "އެނިމަލް" އާއި "ކްލާސް އޮފް 83" އަދި "އާޝްރަމް"ގައި އޭނާ ކުޅުނު ރޯލަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.
އެންމެފަހުން ނުކުތް އަދި އޭނާގެ ފުރަތަމަ ވެބް ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް"ގައި ކުޅުނު ރޯލަށް ވެސް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.
ބޮބީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓާ އެކު ކުޅޭ ސުޕަހީރޯ ފިލްމު "އަލްފާ" އާއި އަނޫރާގް ކަޝްޔަޕްގެ ކްރައިމް ޑްރާމާ ފިލްމު "ބަންދަރު" ހިމެނެ އެވެ.