11 އޮކްޓޯބަރ 2025 - 13:29

އެކައުންތެންޓުންނާއި މާލީ ދާއިރާގެ އިސް ބޭފުޅުންނާއި އެ ދާއިރާގެ އެހެން އެކިއެކި ޕްރޮފެޝަނަލުން ހިމެނޭ ގޮތުން 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު "މޯލްޑިވްސް އެކައުންޓެންޓްސްް ފޯރަމް 2025" މިއަދު ފަށައިފި އެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ފޯރަމެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ފޯރަމަކީ އިންސްޓިޓިއުޓް އޮފް ޗާޑާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން އިންތިޒާމުު ކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ.

އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ އެ ފޯރަމް ފަށަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސީއޭގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވީ އެއީ މާލީ އާއި ހިންގުމުގެ ދާއިރާ އަދި ޒިންމާދާރު ކުރުވުމުގެ ދާއިރާ އެއްތަންވެ، ކޮލެބްރޭޝަނާއި ޑައިލޮގްގެ ތެރެއިން ގައުމުގެ ލާބައަށް މަސައްކަތްކުރާ ގައުމީ ޕްލެޓްފޯމެއް ކަމަށެވެ. އެ ފޯރަމްގެ ހުރިިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރާނީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ފޯރަމްގައި 30 އަށް ވުރެ ގިނަ މާހިރުން ތަގުރީރު ކުރެއްވުމާއި މައުލޫމާތު ދެއްވުން އޮންނާނެ އެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރާއި އެކައުންޓެންޓްސް ޖެނެރަލް މުހައްމަދު އާޒާދާއި ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ސްޓްރެންތްނިން ފައިނޭންޝަލް ގަވަނަންސް އެންޑް އެކައުންޓަބިލިޓީ" އެވެ. ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.
އެ ޝިއާރުގެ ދަށުން، މުއައްސަސާތަކުގެ މާލީ ކަންކަން ހިންގުމާއި ޖަވާބުދާރީވުން ހަރުދަނާ ކުރުމުގައި ދިމާވާ ދަތިތައް ދެނެގަންނާނެ ކަމަށް ސީއޭ މޯލްޑިވްސް އިން ބުންޏެވެ
އަދި ގޯލްޑް ސްޕޮންސަރުންނަކީ ދިރާގާއި އެސްޓީއޯ އެވެ.