11 އޮކްޓޯބަރ 2025 - 12:19

މި އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޓެކްސް އިދާރާ، މީރާ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނުވަ މަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 18 ބިލިއަން ރުފިޔާ އެވެ.
ޓެކްސް އެހާ ބޮޑަށް އިތުރުވީ، ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުންނެވެ.
މި އަހަރުގެ މިހާތަނަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 869 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރުގެ ނުވަ މަހު ގްރީން ޓެކްސް އިން ލިބުނީ 808 މިލިއަން ރުފިޔާ އެވެ.
އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ވެސް މި އަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 887 މިލިއަން ރުފިޔާގަ އެވެ.
ޓީޖީއެސްޓީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ވަންނަނީ ޓީޖީއެސްޓީންނެވެ. އެއީ ދައުލަތަށް ވަންނަ ޓެކުހުގެ 32 ޕަސެންޓެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޓެކްސް އާއި އެހެން ފީތަކާ އެކު ދައުލަތަށް ތިން ބިލިއަން ރުފިޔާ ވަދެފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 31 ޕަސެންޓުގެ އިތުރުވުމެކެވެ.
ދައުލަތަށް ވަންނަ ޓެކްސްގެ 79 ޕަސެންޓް ލިބެނީ ޑޮލަރުންނެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަހު ޑޮލަރުން 851 މިލިއަން މީރާއަށް ލިބިފައިވެ އެވެ.