މޯލްޑިވިއަން އެއާލައިނުން ޓްރިވެންޑްރަމާއި ކޮޗިން އަށް ހާއްސަ ފެއާއެއް
މޯލްޑިވިއަން އެއާލައިނުން ޓްރިވެންޑްރަމާއި ކޮޗިން އަށް ހާއްސަ ފެއާއެއް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ހާއްސަ ފެއާއެއް ފަށައިފި އެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، ހާއްސަ ފެއާ ފެށީ ސަރަހައްދުގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ޓްރިވެންޓްރަމާއި ކޮޗިން އަށް އެއާބަސް އޭ320 ގައި ހާއްސަ ދަތުރުތަކެއް ކުރަން ރާވާފައިވަ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަން އިން އެ މަންޒިލްތަކަށް އާންމު ގޮތެއްގައި ވެސް ދަތުރުތައް ކުރަނީ އޭ320 ގަ އެވެ. އެއީ 152 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. މިފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހަނިމާދޫން ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކަށް ވެސް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވެ އެވެ.

އާ ފެއާގެ އަގުތައް:

ކޮޗިން: 176 ޑޮލަރު (2،714ރ.)

ޓްރިވެންޑްރަމް: 232 ޑޮލަރު (3،577ރ.)

ޓްރިވެންޑްރަމް-ހަނިމާދޫ: 337 ޑޮލަރު (5،197ރ.)

މޯލްޑިވިއަންގެ އޭ320 ގައި ދަތުރުކުރާ ކަސްޓަމަރުންނަށް 20 ކިލޯގެ ލަގޭޖު ގެންދެވޭނެ އެވެ.

އިންޑިއާގެ އިތުރުން މޯލްޑިވިއަން އިން އަންނަނީ ޗައިނާގެ މަންޒިލްތަކަށް ވެސް ދަތުރުކުރަމުންނެވެ. މޯލްޑިވިއަން އިން އެންމެ ގިނަ ދަތުރުތައް ކުރަނީ ޑޮމެސްޓިކް މަންޒިލްތަކަށެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ330 ބޯޓާއި އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ފަސް ބޯޓާއި ސީ ޕްލޭންގެ 11 ބޯޓެވެ.