12 އޮކްޓޯބަރ 2025 - 09:08

ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލި، އުމުރަށް ނުކުޅެދުންތެރި މީހަކަށް ވުން ފަދަ ބޮޑެތި އަނިޔާތައް ލިބެމުންދާއިރު މި ހާދިސާތައް ގުޅިފައި ވަނީ ބާރަށް ދުއްވުމާ އެވެ. މާލެ އާއި ހުޅުމާލޭގެ އެކްސިޑެންޓްތަކުގެ ތަފާސްހިސާބަށް އެކަނި ބަލާލިޔަސް ފެންނަން އޮތީ ވަރަށް ނުރައްކާތެރި މަންޒަރެކެވެ. ބްރިޖުގައި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދެ އެވެ.

ކޮންޓްރޯލް ނުވާ ވަރަށް ބާރަށް ދުއްވައިގެން އަމިއްލަ ނަފްސަށް އަނިޔާވާ މި އެކްސިޑެންޓްތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އެއްގަމު އުޅަނދު ބާރަށް ދުއްވާ މި މައްސަލާގައި ހައްލު ހޯދަން މަގުމަތި ބެލެހެއްޓުން ފަދަ މަސައްކަތްތަކެއް ފުލުހުން ވެސް ކުރެވެ އެވެ. އެކަމަކު، މާބޮޑު ނަތީޖާއެއް ނެތެވެ.

މި މައްސަލަ ހައްލުވޭތޯ މި ފަހަރު ނުކުންނެވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މަގުމަތީގެ ގަވާއިދުތަކާއި އެއްގަމު ދަތުރުފަތުރުކުރުމުގައި ތަބާވާންޖެހޭ ހަމަތަކާއި ހިލާފަށް ކުރާ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި އެކްސިޑެންޓުތައް ދުވަހެއް ދުވަހަކަށް އިތުރުވެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.

މީހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އަމަލުކުރާ މީހުންނަށް ހަރުކަށި އަދަބުތަކެއް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ. ބާރަށް ދުއްވާ މީހުންނަށް ބޮޑު ޖޫރިމަނާއެއް ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.

ބިލަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ވަނީ އިމަޖެންސީ ބަރުގޮނު އަޅާފައި ދިޔުމަށް ހާއްސަ ކޮށްފައިވާ އުޅަނދަކަށް ޖާގަ ނުދީ ދުއްވައިފި ނަމަ ނުވަތަ އެފަދަ އުޅަނދަކަށް ހުރަސް އަޅައިފި ނަމަ އެކަން ކުރި މީހަކު 25،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ހިމަނައިފަ އެވެ. މިހާރު ގާނޫނުގައި އޮންނަ ގޮތުން އެ ކަމަށް ހުރަސް އެޅިޔަސް ޖުރިމަނާއެއް ނޯވެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން ކަމަށް މާނަ ކުރާނެ ހާލަތްތަކެއް ބަޔާން ކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޮންނަނީ މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

އެހެންވެ، ވަކި އަމަލުތަކަކީ ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން ކަމަށް ބެލެވޭނެ ހާލަތްތަކެއް ކަނޑައަޅަން ވެސް އިސްލާހުގައި ހިމަނާފައި ވެ އެވެ.
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން.
- އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ މަގުތަކުގައި މަގުގެ އިދިކޮޅަށް ދުއްވުން.
- އެހެން މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ނެތް ގޮތަށް ނުރައްކާތެރިކޮށް އޯވަޓޭކް ކުރުން.
- ޓްރެފިކް ބާރުބޮޑު ސަރަހައްދުތަކުގައި އެހެން މީހުންގެ ރައްކާތެރި ކަމަށް ފަރުވާލެއް ނެތް ގޮތަށް ޔޫޓާން ނެގުން.
- ޓްރެފިކް ބާރު ބޮޑު ސަރަހައްދުތަކުގައި އެހެން މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ނެތް ގޮތަށް ޔޫޓާން ނެގުން.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުމުގެ މާއްދާ އަށް (ކ) އިތުރު ކޮށްފައިވާއިރު، އޭގައި ވަނީ އުޅަނދު ދުއްވާފައި ވަނީ އުޅަނދުގެ ވެރިފަރާތް ކަމުގައި ނުވާ ހާލަތުގައި، އެ އުޅަނދު ދުއްވި ފަރާތުން އުޅަނދު ބޭނުންކޮށްފައި ވަނީ އުޅަނދުގެ ވެރިފަރާތުގެ ރުހުން ލިބިގެން ކަމަށްވާ ނަމަ އުޅަނދުގެ ވެރިފަރާތުގެ ލައިސަންސް ތިން މަހާއި ހަ މަހުގެ މުއްދަތަކަށް ހިފެހެއްޓި ދާނެ ކަމަށެވެ.
ލައިސަންސް ނެތި ދުއްވުމަކީ މަނާ ކަމަށް ވާއިރު، މިހާރު ގާނޫނު އޮންނަ ގޮތުން އެ މީހެއްގެ ފުރަތަމަ އަދަބަކީ 1،000ރ. އިން ޖޫރިމަނާ ކުރުމެވެ. އަދި ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ 1،500ރ. އިން ޖޫރިމަނާކުރެވޭއިރު ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް ޖޫރިމަނާކުރެވެނީ 2،000ރ. އިންނެވެ.
އެކަމަކު ގާނޫނަށް ގެންނަން ކުޑޫ ހުށަހެޅުއްވި އިސްލާހުގައި އެ އަދަބު ވަނީ ވަރަށް ބޮޑަށް ހަރުކަށި ކޮށްފަ އެވެ. އުމުރުން 18 އަހަރު ނުފުރޭ ނުވަތަ 18 އަހަރުން މަތީގެ މީހެއް ވިޔަސް ލައިސަންސް ނުނަގައި ދުއްވުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ އަމަލެއް ކުރި ފަރާތެއް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ. އެ މާއްދާގައި ބަޔާންކުރާ އަމަލުކުރި ފަރާތުން ދުއްވި އުޅަނދުގެ ވެރިފަރާތަކީ ތިން ވަނަ ފަރާތެއް ނަމަ އުޅަނދު ދުއްވި ފަރާތަށް އުޅަނދު ބޭނުންކުރަން ދިނީ ވެރިފަރާތުގެ ރުހުމާ އެކު ނަމަ އުޅަނދުގެ ވެރިފަރާތް 5،000ރ. އިން ޖޫރިމަނާކުރަން ވެސް ހިމަނާފައިވެ އެވެ.
އަދަބުތައް މިހާ ބޮޑަށް ހަރުކަށިކުރަން ހިމަނާފައިވާއިރު އުފެދޭ ސުވާލަކީ މި އިސްލާހުތަކާ އެކު ވެސް ބާރަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅިދާނެތޯ އެވެ. އެ މީހުން މަގުމަތިން ހިފަހައްޓައި ގާނޫނު ތަންފީޒުކުރެވިދާނެތޯ އެވެ.
ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވި ގޮތުގައި ބޮޑު ޖޫރިމަނާއެއް ކުރާ ނަމަ ބާރަށް ދުއްވުމަށް މީހުން ފަސް ޖެހިދާނެ އެވެ. އެކަމަކު ހަމައެކަނި ޖޫރިމަނާއަކުން މީހުން ފަސްނުޖެހޭ ސަބަބަކީ އެކި ސަރުކާރުތަކުން ޖޫރިމަނާތައް މާފުކުރުމުން އޭގެ އެދެވޭ ނަތީޖާ ނެރެން އުނދަގޫވުމެވެ.
"އަޅުގަނޑަށް ހީވަނީ [އާ އިސްލާހުތަކާ އެކު] އަޅުގަނޑުމެން ވެސް ހަދަން ޖެހޭނެހެން އުސޫލެއް. ކާކުތޯ 10،000ރ. އިން ޖޫރިމަނާ ކުރާނީ؟ ކާކުތޯ 30،000 އިން ޖޫރިމަނާ ކުރަނީ؟ އެކަމަކު ކޮންމެވެސް ބަޔަކު ބިރު ގަންނާނެތާ ތިހާ ބޮޑު ޖޫރިމަނާއެއް އިނީމަ،" އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެއީ މުހިއްމު އިސްލާހުތަކަކަށް ވިޔަސް ޓްރެފިކް ގާނޫނާ ހިލާފު ވެގެން ކުރާ ޖޫރިމަނާތައް ސަރުކާރުތަކުން މާފުކުރާތީ ގިނަ ބަޔަކު ޖޫރިމަނާ ފައިސާ ނުދައްކާ ތިބެ އެވެ. އެ އުސޫލުން ކަން ހިނގާ ނަމަ މިފަދަ އިސްލާހެއްގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އިމްރާން އެ އިޝާރާތް ކުރެއްވީ ގަވައިދާ ހިލާފަށް ޕާކް ކޮށްގެން އަރާފައި ހުންނަ ޖޫރިމަނާތައް ރިޔާސީ އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯދަން، ސަރުކާރުތަކުން މީގެ ކުރިން މާފުކޮށްދީފައިވާ މައްސަލައަށެވެ. ގަވާއިދާ ތަކުރާރުކޮށް ހިލާފުވެ އެތައް ހާސް ރުފިޔާއެއް ނުދައްކާ ތިއްބައި ޖޫރިމަނާތައް މާފު ކުރުމުން، އެފަދަ ފިޔަވަޅުތަކާ މެދު މީހުން ބިރެއް ނުގަނެ އެވެ. ކޮންމެވެސް ހިސާބަކުން ޖޫރިމަނާތައް މާފުވެ ސަލާމަތްވާނެކަން އެނގެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 2018 ގައި ވަނީ ގަވައިދާ ހިލާފަށް ޕާކްކޮށްގެން އަރާފައިވާ 7.8 މިލިއަން ރުފިޔާގެ ޖޫރިމަނާ އެއްކޮށް މާފުކޮށްފަ އެވެ. އަދި ޑިސެމްބަރު 2023 ގައި ވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 16 ނިޔަލަށް ޖޫރިމަނާގެ ގޮތުގައި އެރި 2.8 މިލިއަން ރުފިޔާ ސަރުކާރުން ވަނީ މާފުކޮށްދީފަ އެވެ.
މަގުމަތީގެ ގަވާއިދާ ހިލާފުވެގެން އަރާ ޖޫރިމަނާ އަށް ލުއި ދިނުމުގެ މި ސަގާފަތާ ހެދި ކުށްކުރާ މީހުންނަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދު އޮންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. ޖޫރިމަނާތަކާ އެކު ލައިސަންސް ހިފަހައްޓައި ވެހިކަލް ޓޯކޮށްފައި ބެހެއްޓޭނެ މުއްދަތާ މެދު ހަރުކަށި ވުމަކީ ވެސް ރަނގަޅު ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މުހިއްމު ކަމެއް. އެކަމަކު ހަމައެކަނި ޖޫރިމަނާ ބޮޑުކުރުމެއް ނޫން ކަން ނޭނގޭ. މިސާލަކަށް ލައިސަންސް ހޯލްޑްކޮށް، ވެހިކަލާ މެދު ތަންކޮޅެއް ހަރުކަށި ގޮތެއް ވެސް މުހިއްމު،" އޭނާ ވިދާޅުވި އެވެ.
އެހެންވެ، އިމްރާން ވިދާޅުވީ އިސްލާހުތައް ފާސްވެގެންދާއިރު، ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ ދެން ވާނެ ކަންކަން ވެސް އޭގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ނޫނީ އޭގެ އަސަރެއް ނުކުރާނެ [ޖޫރިމަނާގެ އިތުރަށް އެހެން ކަންކަން ހަރުކަށި ނުކުރާ ނަމަ]. ދެން ކޮންމެވެސް ބަޔަކު ބިރު ގަނެގެން ދުއްވުން މަޑުކޮށްގެން ތަފާތެއް އައިސްދާނެ. އެކަމަކު އޭގެ އިތުރުން އުޅަނދަށް ވެސް ފިޔަވަޅުތަކެއް އެޅިގެން ކަން ނޭނގެ އެކަން [ބާރަށް ދުއްވާ މިންވަރު މަދު] ވާނީ،"
ލައިސަންސް ނެތި ސައިކަލު ދުއްވައިފި ނަމަ އާންމުކޮށް ސައިކަލު ޓޯކުރަނީ މިހާރު 15 ދުވަހަށެވެ. އަދި ބާރަށް ނުރައްކާތެެރިކޮށް ދުއްވައިފި ނަމަ ސައިކަލު 30 ދުވަހަށް ހިފަހައްޓަ އެވެ. އިމްރާން ވިދާޅުވީ އެފަދަ ކަންކަމާ މެދު ހަރުކަށިވުމަކީ ވެސް ބާރަށް ދުއްވުމަށް ފަސްޖެހޭނެ ސަބަބެއް ކަމަށެވެ.
ޓްރެފިކް ގާނޫނާ ގަވާއިދަކީ ހަމައެކަނި ކަމެއް ދިމާވުމުން ފިޔަވަޅު އަޅަން އޮންނަ އެއްޗެއް ކަމަށް ދެއްކެވޭ ވާހަކަތައް އިމްރާން ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު ފިޔަވަޅު އަޅައި ކަމަށާއި ޗެކްޕޮއިންޓްތަކުން ވެސް ހުއްޓުވައި ފިޔަވަޅު އަޅާފައި ހުންނާނެ ކަމަށެވެ.
"އެގޮތަށް ދުއްވާ މީހުން ހަމަ ޖޫރިމަނާ ކުރަމުން މިދަނީ. އުޅަނދުތައް ވެސް ޓޯކުރަމުން މިދަނީ. އެކަމަކު އެ ޖޫރިމަނާތަކަކީ އެގޮތަށްވާ އެއްޗެއް [މާފުކުރާ ނަމަ] ކަމަށް ވަންޏާ ހައްލެއް ނާންނާނެތާ،"
ލައިސަންސް ނެތި ވެހިކަލް ދުއްވާ މީހުންނާއި ލައިސަންސްގެ މުއްދަތު ހަމަވުމުން އެ އާނުކޮށް ވެހިކަލް ދުއްވާ މީހުން ގިނަކަމަށް އިމްރާން ވިދާޅުވި އެވެ.
"ކޫލް" ކަމަކަށް ހަދައިގެން ބާރު ސްޕީޑުގައި ވެހިކަލް ދުއްވުން ޒުވާނުންގެ މެދުގައި އިންތިހާ އަށް އާންމުވަމުން ދާއިރު އަވަސް އަރުވާލައިގެން ތަންތަނަށް ދިއުމަށް ދުއްވަނީ ދުއްވަން ކަނޑައަޅާފައި އޮންނަ މިނަށް ވުރެ ބާރަށެވެ. މިސާލަކަށް ސިނަމާލެ ބްރިޖުގައި އެންމެ ބާރަށް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަކީ 50 އެވެ. އެކަމަކު އެ އަށް ވުރެ ބާރަށް ދުއްވުމާއި ދުއްވަން އޮންނަ ލޭނު ނޫން އެހެން ލޭނެއްގައި ދުއްވުން ފަދަ ކަންކަމުގެ ސަބަބުން ބްރިޖުގައި އެކްސިޑެންޓުތައް ހިނގާ އަދަދު ގިނަ އެވެ.
އިމްރާން ވިދާޅުވި ގޮތުގައި ސިނަމާލެބްރިޖު މަތީގައި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދެ އެވެ. މިއީ އަވަސް އަރުވާލައިގެން ތަންތަނަށް ދިއުމަށް "ދުންޖަހާފައި" ދާތީ ހިނގާ އެކްސިޑެންޓުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮފީހަށް ދާން މި ނިކުންނަނީ ގަޑި ޖެހިގެން. މިސާލަކަށް ހުޅުމާލެއިން މާލެ ދާ މީހުންނަށް ފެންނާނެ ބްރިޖު މަތީ ވެސް ހަމަ ދުން ޖަހާފައި ހަމަ ދާނީ 8 ޖަހަން ކައިރިވާ ގަޑިއަށް. އެ ގަޑިއަށް ކޮންމެ ދުވަހަކު އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދާނެ،" ގަވާއިދުތަކަށް އާންމުން ބޯނުލަނބާތީ ކަންބޮޑުވުން ފާޅުކުރައްވަމުން އިމްރާން ވިދާޅުވި އެވެ.
ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ވެސް އެކްސިޑެންޓެވެ. މިހާތަނަށް 2،246 އެކްސިޑެންޓު ހިނގާފައިވެ އެވެ.
- ޖެނުއަރީ - 234
- ފެބްރުއަރީ - 295
- މާޗު - 260
- އޭޕްރިލް - 213
- މެއި - 273
- ޖޫން - 256
- ޖުލައި - 196
- އޮގަސްޓް - 240
- ސެޕްޓެމްބަރު - 279
އަމިއްލަ އަށް މަތަ ނުވާ ވަރަށް ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް އިތުރުވަމުން ދާއިރު، އިމްރާން ވަނީ ވެހިކަލެއް ދުއްވުމަށް އެހެން މީހަކަށް ދޭ ނަމަ އެ މީހެއްގެ އަތުގައި ލައިސަންސް އޮތްތޯ ވެރިފަރާތުން ބެލުމަށް އެދިވަޑައިގެންފަ އެވެ. ލައިސަންސް އާކުރުމުގެ ކަންކަން ވެސް އޮންލައިންކޮށް މިހާރު ކުރެވޭ ކަމަށާއި އެހާ ފަސޭހަކޮށް އެކަން ކުރެވެން އޮތުމުން އެކަމަށް ވެސް ފަރުވާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
އިމްރާން ވަނީ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކޮށްގެން ފިޔަވަޅު އެޅުމުގެ ކުރިން ގާނޫނުތަކަށް ބޯލެނބުލަށް ތަކުރާރުކޮށް އެެދިވަޑައިގެންފަ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް ވެސް ވަނީ މީހުންގެ ފުރާނަ އަށް ފަރުވާލެއް ނެތި މަގުތަކުގައި ދުއްވާ މީހުންނަށް ޖިނާއީ ދައުވާ ކުރެވޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލަ ވެސް ކޮމިޓީ މަރުހަލާގައި މިހާރު އޮތްއިރު އިމްރާން ވިދާޅުވީ އެ ގާނޫނު ފާސްވުމަކީ ވެސް ކޮންމެވެސް ބަދަލުތަކެއް މުޖުތަމައުން ފެނިގެން ދާނެ ކަމެއް ކަމަށެވެ. އަދި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ވެސް ކުރަމުން އަންނަަ ކަމަށާއި އެ ކަމަށް ފުލުހުންގެ އިދާރާ އިން ކޮމެންޓް ހިއްސާކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
ގާނޫނުތައް އިސްލާހު ކޮށްގެން ވިޔަސް ބާރަށް ދުއްވާ މީހުންގެ ދުވެލި މަޑުކުރަން މާބޮޑަށް ވެސް ލަސްވެއްޖެ އެވެ. ދުންޖަހާފައި ދާ މީހުންނާ ހެދި، މަޑުން ފަރުވާތެރިކަމާ އެކު ދުއްވާ މީހުންނަށް ވެސް ސަލާމަތެއް ނެތީ އެވެ. އަމިއްލަ ނަފްސާއި އެހެން މީހުންގެ ފުރާނަ ގެއްލުނަސް ހެޔޮކަމަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު ހަރުކަށި ކުރަން ޖެހެ އެވެ. މަޖިލީހަށް އިސްލާހުތައް ހުށަހަޅާފައިވާ ވަރަށް ވުރެ ވެސް އެ އިސްލާހުތައް ހަރުކަށި ކުރަންވީ އެވެ. ނަތީޖާއެއް ފެނިދާނެ އެވެ.