10 އޮކްޓޯބަރ 2025 - 20:37

ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަހާ ގުޅުވައި އެ ބައްޔަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭ 2 އަކުން 30 މީހުން ތަމްރީންކުރަން މޯލްޑިވިއަން ނާސިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.
"ހޯޕް އެމްބަސެޑާ ޓްރެއިން" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ނަފްސާނީ ބަލި ހުންނަ މީހުންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ހެދުމަށް ނާސިން އެސޯސިއޭޝަނުން ކުރާ މަސައްކަތަށް ލިބުނު ބީއެމްއެލްގެ ކޮމިއުނިޓީ ގްރާންޓެއްގެ އެހީގައި ހިންގާ ޕްރޮގްރާމެކެވެ.
އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން ހުންނެވި އޮޮސްޓްރޭލިއަން ކެތުލިކް ޔުނިވާސިޓީގެ އެސޯސިއޭޓް ފްރޮފެސާ، ޑރ. ފާތިމަތު ޝިފާޒާ "މިހާރު" ވިދާޅުވީ ފުރަތަމަ އެ ޓްރެއިނިން ކުރިއަށް ގެންދަން ނިންމީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ދެ މީހުން ތަމްރީނުކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން މާބޮޑު ތަރުހީބެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެ ހަރަކާތް ހުޅުމާލޭ 2 އަކަށް ފުޅާކޮށްގެން ކުރިއަށް ގެންދަން ނިންމީ އެވެ.
ޝިފާޒާ ވިދާޅުވި ގޮތުގައި މާދަމާ ފަށާ އެ ޓްރެއިނިންގައި ބައިވެރިވާނީ ނަފްސާނީ ބަލީގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުންނާއި ނަރުހުންނެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ އެވެއާނަސް އިތުރުކުރުމާއި މީހުން ތައްޔާރުކުރުން،" ޝިފާޒާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަފްސާނީ ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް ހިންގާ އެ ހަރަކާތުގެ ބޭނުމަކީ އާންމުންނަށް، އާންމުންގެ ތެރެއިން ކޮށްދެވޭނީ ކޮން ކަހަލަ ކަންތައްތަކެއްތޯ ކިޔައިދިނުން ކަމަށެވެ.
"އެއީ ކައުންސިލަރުންނެެއް ނޫން [ތަމްރީނުކުރަނީ]. އެކަމަކު އާންމުންގެ ތެރޭގައި މީހުންނަށް ކޮން ކަންތައްތަކެއްތޯ ކޮށްދެވޭނީ އެވެއާނަސް އިތުރުކުރުން. އެމީހުންގެ ވެލްބީނަށް ކޮން ކަހަލަ ކަންތައްތަކެއްތޯ ކޮށްދެވޭނީ. މާދަމާގެ ޓްރެއިނިން ނިމޭއިރުގައި އެމީހުންނަށް އިންނާނީ އެކްޝަން ޕްލޭނެއް ހެދިފައި،" އޭނާ ވިދާޅުވި އެެވެ.
ޝިފާޒާ ވިދާޅުވި ގޮތުގައި ޕްރޮގްރާމުގައި މެންޓަލް ހެލްތާއި މެންޓަލް އިލްނެސް އާއި އެފަދަ ބައްޔެއް ތަހައްމަލުކުރާ މީހުންނާ މުހާތަބު ކުރާނެ ގޮތާއި ނަފްސާނީ ކަމެއްގައި ސުއިސައިޑް ކުރަން އުޅޭ ނަމަ، އެކަން ދެނެގަންނާނެ ގޮތްތައް ތަމްރީނުގެ ބައިވެރިންނަށް ކިޔައިދޭނެ އެވެ.