ފަހި ފްލެޓްތައް އެއްކޮށް ހަވާލުނުކުރެވި އުޅެނިކޮށް 25،000ރ. އަށް ކުއްޔަށް ދޭން އިއުލާންކޮށްފި
ފަހި ފްލެޓްތައް އެއްކޮށް ހަވާލުނުކުރެވި އުޅެނިކޮށް 25،000ރ. އަށް ކުއްޔަށް ދޭން އިއުލާންކޮށްފި

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު ބޮޑު އަގުގައި އެތަންތަން ކުއްޔަށް ދޭން އިޝްތިހާރު ޖަހަން ފަށއިފި އެވެ.

އެފްޑީސީން 4،000 ފްލެޓް ލިބުނު މީހުންނާ، އެތަންތަނުގެ ތަޅުދަނޑި ހަވާލުކުރަން ފެށިތާވީ އަދި އެންމެ ދެ ހަފްތާ އެވެ. ހުޅުމާލެ ދޭއްގައި އިމާރާތްކޮށްފައިވާ އެ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށެެވެ.

އެފްޑީސީން "މިހާރު"އަށް އިއްޔެ ބުނީ މިހާތަނަށް ތަޅުދަނޑި ހަވާލުކުރީ 78 މީހަކާ ކަމަށެވެ. އެ ޓަވަރުތަކަށް ފެނާއި ކަރަންޓު ދީފައިވާތީ އެތަން ހަވާލުކުރުމާ އެކު ދިރިއުޅެން ފެށޭނެ އެވެ.

މިހާތަނަށް ހަވާލުކުރި ތަންތަނުގެ ތެރެއިން ބައެއް ފްލެޓްތައް ފޮޓޯއާ އެކު މިހާރު ވަނީ ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.

ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާންކުރިއިރު، މި ސްކީމް ވެސް ހުޅުވާލީ އެންމެ ދަތި ހާލުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.

ފްލެޓް ބޮޑު ކުއްޔަށް ދޫކުރަން އެކި ޕޭޖުތަކުގައި ޖަހާތީ، ކަންބޮޑުވުންފާޅުކޮށް، ޒަމްޒަމް ފާރިޝް، އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފްލެޓްތައް ދޫކުރަން ފެށިތާ އަދި އެހާ ގިނަ ދުވަސް ނުވަނީސް މިހާ އަވަހަށް ކުއްޔަށް ދޭން ޕޯސްޓު ޖަހަން ފަށާފައިވާ ކަމަށެވެ.

އޭނާ ބުނީ ސޯޝަލް ހައުސިން ސްކީމުތަކުގެ ނާޖައިޒު ފައިދާ ނަގައިގެން ބޮޑެތި މަހުޖަނުންނަށް ވުމަށް ފުރުސަތު ދިނުމަކީ ނިކަމެތިން އަސާސީ ހައްގުތަކުން މަހްރޫމްވާ ކަމެއް ކަމަށެވެ. އަދި ސަރުކާރުން އެ ފްލެޓުތަކަށް ކަނޑައެޅި ކުއްޔަށް ތިން ގުނަ ބޮޑުކޮށް ޖަހާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާންކުރި އިރު އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި މިވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.

"ކުޑަ އަގެއްގަ ކުއްޔައް ދޭނަމަ ވެސް ސަހަލުވީސް. އެކަމަކު އެވެސް ސަރުކާރުން ކަނޑައެޅި ކުލީގެ ތިން ގުނަ ބޮޑުކޮށް. 25000ރ. އަށް،"

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓަށް ސަރުކާރުން ކަނޑައެޅި ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު 8،000ރ. އެވެ. އަދި ތިން ކޮޓަރީގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. އެވެ. މިއީ މާލޭ ސަރަހައްދުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތައް އާންމުން ކުއްޔަށް ދޭ މިންވަރާ އަޅާބަލާއިރު ވަރަށް ހެޔޮ އަގެކެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ކުލީގެ ތިން ހަތަރު ގުނަ ބޮޑުކޮށްގެން މި ތަންތަން ކުއްޔަށް ދޫކުރަން ޖަހަމުން އަންނައިރު އެ މީހުން އާންމުކުރާ އިޝްތިހާރު ޕޯސްޓުގައި އެއީ އެ ފްލެޓްތައް ކަމަށް ޖަހާފައެއް ނުހުރެ އެވެ. އެކަމަކު ގުޅައި ސާފުކުރުމުން އެއީ ފަހި ދިރިއުޅުމުން ހަވާލުކުރި ފްލެޓްކަމަށް ބުނެފައިވެ އެވެ.

ފަހި ދިރިއުޅުމުން ދޫކުރި ފްލެޓްތައް މިހާ އަވަހަށް ކުއްޔަށް ދޫކުރަން ޖަހާފައިވާއިރު ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް ވެސް ދަނީ ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. ހިޔާގެ ކުއްޔަށް މެއިންޓެނަންސް އާއެކު މިހާރު ދައްކަން ޖެހޭ މިންވަރު 4984ރ. އަށް ކުޑަކޮށްފައިވާއިރު އެތަންތަން 15،000ރ. އާއި 18،000ރ. އަށް ވެސް ކުއްޔަށް ދޫކުރަމުން އެބަދެ އެވެ.

މާލޭގައި ބޮޑު ކުލީގައި ނިކަމެތި ހާލުގައި އުޅޭތީ ކަމަށް ބުނެ މިގޮތަށް ހޯދާ ފްލެޓްތައް ކުއްޔަށް ދޫކުރުމާއި ސަރުކާރަށް ކުލި ނުދައްކައި އުޅޭ މައްސަލާގައި މިހާތަނަށް މިފަދަ ފަރާތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅެ އެވެ.