އިސްލާމީ ވިސްނުމާއި ސުލޫކުން ނަފުސާނީ ދުޅަހެޔޮކަން ހޯދުން
އިސްލާމީ ވިސްނުމާއި ސުލޫކުން ނަފުސާނީ ދުޅަހެޔޮކަން ހޯދުން

ނަފުސާނީ ދުޅަހެޔޮކަން ހޯދުމުގެ އުސްލޫބު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ގޮތަކީ ވިސްނުމާއި ސުލޫކަށް ގެންނަ ބަދަލުން ނަފުސަށް ފަރުވާ ހޯދުމެވެ. އެއީ ރަނގަޅު ނޫން ފިކުރުތައް ރަނގަޅު ނޫން ޖަޒުބާތުތަކަށާއި ސުލޫކަށް މަގުފަހި ކުރާނެ ކަމަށް ބަލައިގެން އެ ފިކުރުތައް ބަދަލުކޮށް ޖަޒުބާތުތަކާއި ސުލޫކުތައް ވަޒަންހަމަ ކުރުމެވެ. މިއަށް ކިޔަނީ ކޮގްނިޓިވް ބިހޭވިއާ ތެރަޕީ (ސީބީޓީ) އެވެ.

އިސްލާމް ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް އޭގައި ޝާމިލު ވެގެންވާ ދީނަކަށް ވާތީ އިންސާނުންގެ ވިސްނުމާއި ފިކުރާއި ޖަޒުބާތާއި ސުލޫކު ދަމަހައްޓަންވީ ގޮތާ ގުޅޭ ވަރަށް ގިނަ ހަމަތަކަކާއި އުސޫލުތަކެއް ވެސް ދީނުގައި ވެ އެވެ. މި ކަންކަން ދެނެގަތުމަކީ ނަފުސާނީ ފަރުވާ ހޯދަން މުހިންމު ކަމެކެވެ.

ވިސްނައި ފިކުރު ކުރުމަކީ އިސްލާމް ދީނުގައި އަޅުކަމެއްގެ ދަރަޖައިގައި ބެލެވޭ ކަމެކެވެ. އަމިއްލަ ނަފުސާ މެދު އާއި އުޑުތަކާއި ބިމާއި އެ ދެމެދުގައިވާ ތަކެއްޗާ މެދު ވިސްނަން އަމުރު އޮވެ އެވެ (އައްރޫމް 8).

ފިކުރުގެ ސީދާ ލަފުޒު 18 ފަހަރު އަދި ފިކުރުގެ މާނަ ހިމެނޭ އެހެން 8 ލަފުޒަކާ އެކު ތަފާތު ގޮތްގޮތަށް މި ލަފުޒުތައް 700 އަށް ވުރެ ގިނަ ފަހަރު ޤުރްއާނުގައި ތަކުރާރު ވެފައި ވެ އެވެ. އޭގެ ތެރެއިން 90 އާ ގާތްކުރާ ވަރަކަށް ވިސްނައި ފިކުރު ކުރަން އަމުރު ކޮށްފައި ނުވަތަ ހިތްވަރު ދީފައި ވެއެވެ.

އެހެންކަމުން ކައުނާއި ކައުނުގައިވާ އިލާހީ ސުންނަތްތަކާއި އިންސާނާގެ ނަފުސާއި އިންސާނީ ތާރީހުގައި ހިނގާފައިވާ ކަންކަމަށާއި މި ނޫން ވެސް އެހެން ކަންކަމާ މެދު ވިސްނައި ފިކުރު ކުރަން ޖެހެ އެވެ. މި ކަމަކީ މީހާގެ ވިސްނުމާއި ފިކުރާއި މައުރިފާ (އިލްމާއި މައުލޫމާތު) އަބަދުވެސް އައުވެ އާލާވާނެ ކަމެކެވެ. ނަތީޖާ އަކީ ކައުނާއި އިންސާނާ އާއި ދިރިއުޅުމާ ގުޅޭ ގޮތުން އޮންނަ އެއްވެސް ތަސައްވުރެއްގައި ނުރަނގަޅު ވިސްނުމެއް ނުވަތަ ސައްހަ ނޫން މައުލޫމާތެއް ވާނަމަ އެ ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މިސާލަކަށް މާޔޫސް ވުމާއި ބޮޑާވުމާއި އުންމީދު ކަނޑާލުން ފަދަ ފިކުރުތަކަކީ އިސްލާމީ ނަޒަރުން ބަލާއިރު ބަލައިނުގަނެވޭނެ ފިކުރުތަކެއްކަން ހާމަވާނެ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އުންމީދާއި ހިތްތިރިކަމާއި ﷲ އަށް ވަކީލު ކުރުން ފަދަ ވިސްނުމާއި ފިކުރާއި މައުރިފާ އާލާ ވާނެ އެވެ. އެހެންވީމާ "ތިމަންނާ އަކީ އެއްވެސް އަގެއް ނެތް މީހެކޭ" ނުވަތަ "ތިމަންނާ އަކަށް އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެޔޭ" ފަދަ ނާ އީޖާބީ ވިސްނުންތައް އީޖާބީ އަދި ވަޒަން ހަމަ ވިސްނުން ތަކަކަށް ބަދަލު ކުރެވޭނެ އެވެ.

އިސްލާމް ދީނުގައި ބާރު އަޅާފައި ވަނީ ﷲ ގެ ރަހުމަތަށް މާޔޫސް ނުވުމަށާއި ﷲ ހުރިހާ ފާފައެއް ފުއްސަވާނެ ކަމަށާއި (އައްޒުމަރު 53) ޤަޟާ ގަދަރަށް އީމާންވުމަށާއި އިންސާނުންނަކީ ﷲ މާތް ކުރައްވާފައިވާ ބައެއް ކަމަށާއި ﷲ އަށް ވަކީލު ކުރުމަށާއި މި ނޫން ވެސް މިފަދަ އެތައް އީޖާބީ ވިސްނުންތަކަށެވެ. އެހެންވީމާ އިންސާނާ އަބަދުވެސް ކަންކަމާ މެދު ވިސްނައި ފިކުރުކޮށް މައުލޫމާތު އައު ކުރާނެ އެވެ. އަދި މިކަމުން މީހާގެ އީމާން ކަމަށް ވެސް ވަރުގަދަކަން ލިބޭނެ އެވެ. މި ހުރިހާ ކަމަކުން ވެސް ނަފުސަށް ހަމަޖެހުން ލިބޭނެ އެވެ.

އިސްލާމް ދީނުގައި ސާލިހު ހެޔޮ އަމަލުތަކަކީ އީމާންކަމުގެ މޭވާ އެކެވެ. އަދި އެއީ މީހާގެ ނަފުސު ތަޒުކިޔާ (ތާހިރު ކޮށް ޒީނަތް) ކުރުމަށް އޮންނަ މުހިންމު ކަމެކެވެ. މިގޮތުން އިސްލާމީ ޢިބާދާތުތަކަކީ އިންސާނާގެ ފިކުރު ބޮޑުވުންތަކާއި ހާސްކަމާއި ދެރަވުމާއި ހިތާމަތައް ކުޑަކޮށް ﷲ އަށް އޮންނަ އިތުބާރު ބޮޑު ކުރުވާ ކަމެކެވެ. މީހާގެ ސުލޫކު ވަކި ގޮތަކަށް ބައްޓަން ކުރުވާ ކަމެކެވެ. ހަމަ އެއާ އެކު، މުއާމަލާތު ތަކުގައި އިސްލާމީ އުސޫލުތަކާ އެއްގޮތް ކުރާނެ ކަމެކެވެ. މިއީ ނަފުސަށް ހަމަޖެހުން ގެނުވާނެ ކަންކަމެވެ. މީގެ އިތުރުން އަބަދުވެސް މަސައްކަތެއްގައި އުޅެން އިސްލާމް ދީން ބާރު އަޅަ އެވެ. ހިލޭ ސާބަހަށް ކުރާ ކަންކަމަކީ އެ އިން ދަރުމަ ލިބޭ ކަމެކެވެ.

މިގޮތަށް މީހާ މަޝްޣޫލު ވުމުން ނުރަނގަޅު ފިކުރުތަކަށް ޖާގަ ދޭން ހުސް ވަގުތު ނުލިބި މީހާ ހަރަކާތް ކުރުވާނެ އެވެ. މިއީ ބިހޭވިއަރަލް އެކްޓިވޭޝަންއާ އެއްފަދަ ކަމެކެވެ. އަދި މިއީ ލިބޭ ކާމިޔާބުތައް ފާހަގަ ކުރެވި ނަފުސަށް ހަމަ ޖެހުން ވެސް ލިބިގެންދާނެ ކަމެކެވެ. މިގޮތުން ސުލޫކަށް މި ގެނެވޭ ބަދަލުތަކުން ނަފުސަށް ދުޅަހެޔޮކަން ލިބޭނެ އެވެ.

އިސްލާމް ދީނުގައި އިންސާނާގެ ޖަޒުބާތުތަކުގެ މެދުގައި ވަޒަން ހަމަ ކުރަން ވަރަށް ބޮޑަށް ބާރު އަޅައެވެ. މިގޮތުން އިންސާނާގެ ކިބައިގައިވާ ހުރިހާ ޖަޒުބާތެއް ވެސް ދިރިއުޅުމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރުވިޔަ ނުދޭން އިސްލާމް ދީން ބަލައެވެ. ކީރިތި ޤުރްއާނަށް ނަޒަރު ހިންގާލާއިރު ފާހަގަ ކުރެވޭ އެއް ކަމަކީ ނަފުސަށް ތަދު އިހުސާސް ކުރުވާ ކޮންމެ ޖަޒުބާތަކާ އެކު އޭގެ އިދިކޮޅު ޖަޒުބާތަށް ނަޒަރު ހުއްޓުވާފައިވާ ކަމެވެ.

މިސާލަކަށް ބިރުވެރިކަމުގެ އިހުސާސް ގެނުވާ ކަމެއްގެ ވާހަކަ ބަޔާން ކޮށްފިއްޔާ އެއާ އެކުގައި އޭގެ އިދިކޮޅު އިހުސާސް ކަމުގައިވާ އުފާވެރިކަން ގެނުވާ ކަމެއްގެ ވާހަކަ އާދެ އެވެ. މި ހިސާބުން މި ދެ ޖަޒުބާތުގެ މެދުގައި ވަޒަން ހަމަ ކޮށްލަ އެވެ. އަދި އެއް ޖަޒުބާތު އަނެއް ޖަޒުބާތުގެ މައްޗަށް އަރައިގަނެގެން ދިޔަ ނުދީ ކޮންމެ ޖަޒުބާތަކުން ވެސް އިންސާނާ އަށް ބޭނުންވާ މިންވަރުގައި ހިފަހައްޓާލަ ދެ އެވެ. ޖަޒުބާތުތަކުގައި ވަޒަން ހަމަ ކުރުމަށް އިސްލާމް ދީނުގައި ވަރަށް މުހިންމު ތަމްރީނު ތަކެއް ވެސް ވެ އެވެ. އެއީ ޒިކުރު ކުރުމާއި ޤުރްއާން ކިޔެވުމާއި އާހިރަތާ މެދު ވިސްނުން ފަދަ ކަންކަމުގެ ތެރެއިންނެވެ. ﷲ ހަނދުމަ ކުރުމަކީ ނަފުސަށް އެންމެ ހަމަޖެހުން ގެނެސްދޭ ކަންތަކެވެ (އައްރަޢުދު 28).

އިސްލާމް ދީނުގައި ނަފުސަށް ދުޅަހެޔޮކަން ގެނުވަން ދަމަހައްޓަން ޖެހޭ އުސޫލުތައް ބިނާ ވެފައި ވަނީ ހަމައެކަނި ފިކުރާއި ސުލޫކާއި ޖަޒުބާތުގެ މައްޗަކަށް ނޫނެވެ. މި ހުރިހާ ކަމަކަށް ވުރެ ބޮޑު އަހަންމިއްޔަތެއް އިސްލާމް ދީނުގައި ދީފައި ވަނީ ރޫހަށެވެ. ރޫހަކީ އިންސާނާގެ ސިކުނޑި އާއި ހިތާއި ނަފުސާ މި ތިންބަޔާ ގުޅިފައިވާ އިލާހީ ސިއްރެކެވެ.

● ހާލަތު ދެނެގަތުން: ތިމާގެ ވިސްނުމާއި ފިކުރާއި ޖަޒުބާތާއި ސުލޫކާއި ރޫހާނީވަންތަކަން ހުރި މިންވަރު ރަނގަޅަށް ދެނަގަނެ ދޭހަވުން.

● ވިސްނުމާއި ފިކުރާއި މައުރިފާ އަލުން ބިނާކުރުން: ނުރަނގަޅު ނުވަތަ ސައްހަ ނޫން ފިކުރުތަކުގެ ބަދަލުގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ފިކުރާއި މައުލޫމާތު އަލުން ބިނާކުރުން.

● ސުލޫކު ހަރަކާތްތެރި ކުރުވުން: ނަމާދާއި ރޯދަ އާއި އެ ނޫން އަޅުކަންތަކަށް އިތުރަށް ސަމާލުކަން ދިނުމާއި މީސްތަކުންނަށް ހިދުމަތްކޮށް އެހީތެރިވުމާއި އެ ނޫން ވެސް ހެޔޮ އަމަލުތައް ގިނަ ކުރުން.

● ރޫހާނީ ބައި ވަރުގަދަ ކުރުން: ﷲ އަށް ޒިކުރު ކުރުމާއި ކައުނާ މެދު ވިސްނައި ފިކުރު ކުރުމަށް ނަފުސު ހޭނުވުން.

● ވަކީލު ކުރުމާއި މިންވަރަށް ރުހުން: ކައުނުގައި ހިނގާ އެންމެހާ ކަންކަން ހިނގަނީ އިލާހީ ހިކުމަތްތެރިކަމުގެ ދަށުން ކަން ގަބޫލު ކޮށް ކައުނުގައިވާ އިލާހީ ސުންނަތްތަކަށް ބަލައިގެން ގަދައަޅައި މަސައްކަތް ކުރުމާއި ނަތީޖާ ﷲ އަށް ދޫކޮށްލުމާއި ކޮންމެ ނަތީޖާ އެއް އަޔަސް ހިތުން ރުހުމުން ބަލައިގަތުން.

● ހެޔޮމަގުން ކައްސާލިޔަ ނުދިނުން: އަޅުކަމާއި ހެޔޮ އަމަލުތަކުގައި އަބަދުވެސް ދެމިހުރުމާއި މީހުންނާ ގުޅިގެން އެކުގައި އުޅުމާއި މި ކަންކަމުގައި ﷲ ގެ އަމުރުތަކަށް ތަބާވެ ނަހީތަކުން ދުރުހެލިވުން.

އިސްލާމް ދީނުގައި އިންސާނާގެ ސުލޫކަށް ބަދަލެއް ގެނައުމުގެ ވާހަކަ ދައްކާ ނަމަ ސިކުނޑިން ކަމެއް ގަބޫލު ކުރުމާއި ހިތުން އެކަން ބަލައި ގަތުމާއި އެއާ އެއްގޮތަށް ނަފުސު ހޭނުވުމުގެ ވާހަކަތައް އާދެ އެވެ. އަދި މިގޮތުން އެންމެ ބޮޑު އަހަންމިއްޔަތެއް ދީފައި ވަނީ ހިތަށެވެ. ހިތް ތާހިރު ކުރުމަށެވެ. ކޮގްނިޓިވް ބިހޭވިއާ ތެރަޕީގައި ހިތް ތާހިރު ކުރުމުގެ ވާހަކަ އަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާގެ ނަފުސުގެ ދުޅަހެޔޮކަން މައިގަނޑު ގޮތެއްގައި ބިނާ ކުރަނީ ހިތުގައިވާ ބަލިމަޑުކަމަށް ދެވޭ ޝިފާ އެއްގެ މައްޗަށެވެ. ބޮޑާވުމާއި ހަސަދަވެރިވުމާއި މުނާފިގުކަމާއި މާޔޫސްވުން ފަދަ ހިތުގެ ބަލިތައް ނައްތާލަން އިސްލާމް ދީން ބާރު އަޅަ އެވެ. އަދި ﷲ ހަނދުމަ ކޮށްގެން ނަފުސަށް ހަމަޖެހުން ގެނުވަން ސަމާލު ކުރުވަ އެވެ (އައްރަޢުދު 28).

ﷲ ހަނދުމަ ކުރުމާއި އެކަލާނގެ އަށް އިތުބާރު ކުރުމާއި ވަކީލު ކުރުމަށް ވުރެ ބޮޑަށް ނަފުސަށް ހަމަޖެހުން ގެނުވާނެ އަދި ހިތަށް ހަމަހިމޭންކަން ގެނުވާނެ އެހެން ކަމެއް ނޯންނާނެ އެވެ. އެހެންކަމުން އިސްލާމް ދީނުގައި ވާ މި ރޫހާނީ ފަރުވާ އަކީ ކޮގްނިޓިވް ބިހޭވިއާ ތެރަޕީ އަށް ވެސް ލިބޭ ވަރަށް ވަރުގަދަ ބާރެއް ކަމަށް ވާނެ އެވެ.

ވިސްނުމާއި ސުލޫކު އިސްލާމީ ހަމަތަކަށް ފައްތައިގެން ނަފުސާނީ ފަރުވާ ހޯދާ ނަމަ ކުރިން މި ބަޔާން ކުރެވުނު ކަންކަމުގެ އަލީގައި ސީބީޓީގެ އިސްލާމީ ނަމޫނާއެއް ބޭނުން ކުރެވިދާނެ އެވެ. މިގޮތުން ހާލަތު ދެނެގަތުމާއި ވިސްނުމާއި ފިކުރާއި މައުރިފާ އަލުން ބިނާކުރުމާއި ސުލޫކު ހަރަކާތްތެރި ކުރުވުމާއި ރޫހާނީ ބައި ވަރުގަދަ ކުރުމާއި ﷲ އަށް ވަކީލުކޮށް މިންވަރަށް ރުހުމާއި ހެޔޮމަގުން ކައްސާލިޔަ ނުދީ ދެމިހުރުމުގެ ފިޔަވަޅުތައް އިސްލާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ތަރުތީބުން ގެންދެވިދާނެ އެވެ.

މި ކަންކަމުން އިންސާނާގެ ބުއްދި އާއި ހިތާއި ރޫހާއި ނަފުސަށް އެއްފަހަރާ ފަރުވާ ލިބޭނެ އެވެ. ވަކިން ހާއްސަކޮށް ވިސްނުމާއި ސުލޫކު އިސްލާމީ ހަމަތަކަށް ފެއްތޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ނަފުސާނީ ދުޅަހެޔޮކަން ލިބޭނެ އެވެ.